މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ހާއްސަ ފިޔަވަޅުތަކާ އެކު ދެން މާލެ ސަރަަހައްދުގައި ޑެލިވަރީގެ ހިދުމަތް 24 ގަޑިއިރު ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޖުލައި 8، 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

އެގޮތުން ޑެލިވަރީގެ ހިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއް ވެސް ބޭނުންކުރެވިދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކާ، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިން ދޫކޮށްފައިވާ ޖީއޯވީ/ކޮމްޕެނީ ފާސް ބޭނުންކުރެވިދާނެ ކަމަށެވެ.

ކާފިއު ގަޑިތަކުގައި، ޖީއޯވީ/ކޮމްޕެނީ ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނެގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ ކޮވިޑުގެ ހާލަތާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާކަމަށެވެ.

މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.