1964 ވަނަ އަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް ހާއްސަކޮށްގެން ގައުމީ ސްޓޭޑިއަމް ބިނާ ކުރުމަށްޓަކާ، އޭނާ ޒަމާނުއްސުރެ ދިރިއުޅެމުން ދިޔަ އާއިލީ ގެ، ސަރުކާރަށް ދޫކޮށްލަން ޖެހުންވީ، ޖަޕާނަށް އުފަން، ކޮހޭއީ ޖީނޯއަށް ފަހުރަކަށެވެ. ކޮހޭއީ ސިފަ ކުރި ގޮތުގައި، ގައުމީ ކަމެއްގައި އޭނާއަށްވެސް ދައުރެއް އަދާ ކޮށްދެވޭތީ އޭނާ އޭރު، އިންތިހާއަށް ފަހްރުވެރިވިއެވެ.

އެހާ ހިސާބުން އަދި ނިމުނީއެއް ނޫނެވެ. 2020 އޮލިމްޕިކްސްއަށް ތައްޔާރު ވުމުގެ ގޮތުން ސްޓޭޑިއަމް އެޅުމަށް، އޭނާ ފަހުން ދިރިއުޅެމުން ދިޔަ ގެ ދޫކޮށްލަން 2013 ވަނަ އަހަރުވެސް ކޮހޭއީއަށް ޖެހުނެވެ. ނަމަވެސް، މިފަހަރު އޭނާއަށް ފަހްރެއް އިހްސާސެއް ނުކުރެވޭ ކަމަށް ކޮހޭއީ ބުނެއެވެ. އަދި އޮފިޝަލުންގެ މާ ބޮޑު ފަރުވާލެއް ނެތުމުން، އޭނާއަށް ކުރެވެނީ ހިތްދަތި އިހުސާސްތަކެއް ކަމަށް ކޮހޭއީ ބުނެއެވެ.

ބައި ގަރުނު ވަންދެން އަނބިމީހާއާއެކު ދިރިއުޅެމުން ދިޔަ ގެ ދޫކޮށް ދިއުމަށް ކޮހޭއީއަށް މަޖުބޫރުވިއެވެ. އުމުރުން 87 އަހަރުގެ ކޮހޭއީ ބުނި ގޮތުގައި އެއީ އޭނާގެ މުޅި ހަޔާތުގައިވެސް އެންމެ ގިނަ ދުވަހު ދިރިއުޅުނު ގެއެވެ.

1964 އަދި 2020 އޮލިމްޕިކްސްއަށް ސްޓޭޑިއަމް އެޅުމަށް ގެއިން ބޭރުކޮށްފައިވާ ކޮހޭއީ ޖީނޯ / ފޮޓޯ: ރޮއިޓާޒް

ކުރިއަށް އޮތް 2020 އޮލިމްޕިކްސް ކުޅިވަރު މުބާރާތާއެކު ކޮހޭއީއަށް ކުޑަނަމަވެސް އުފާވެރިކަމެއް ނުގެނުވާ ކަމަށް އޭނާ ބުނެއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި، ޖަޕާނުން އޮލިމްޕިކްސް ކުޅިވަރު މުބާރާތް ހޮސްޓް ކުރަން އަދި މާ އަވަހެވެ. މީގެ އިތުރުން، މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން، 200 އެއްހާ އާއިލާއެއްގެ ގެދޮރު، ސަރުކާރަށް ނެގުމަކީވެސް އޭނާ މާ ގަޔާވި ކަމެއް ނޫނެވެ. މި ގެތަކުގެ އަހުލުވެރިންގެ ތެރޭގައި ގިނައީވެސް އޭނާ ފަދަ، ދޮށީ އުމުރުގެ، އިސް ރަށްވެހިންނެވެ.

ކޮހޭއީ ބުނި ގޮތުގައި ޖަޕާނުގެ އޮފިޝަލުންގެ ފަރާތުން މި ފަހަރު ފެނުނީވެސް އޭނާ މާ ގަޔާވާ ފަދަ ކަންތައްތަކެއް ނޫނެވެ. އޮލިމްޕިކްސްއަށް އެއްބާރުލުން ދޭނަންތޯ އަހާލުމުގެ ބަދަލުގައި، ކަމާ ބެހޭ ފަރާތްތަކުން އެންގީ ގެއިން ނިކުތުމަށް ކަމަށް ކޮހޭއީ ބުންޏެވެ.

އެތައް އަހަރެއް ވަންދެން ދިރިއުޅެމުން ދިޔަ ގެއިން ނެރެލުމަށް ފަހު، ބަދަލެއްގެ ގޮތުގައި ކޮހޭއީގެ އާއިލާއަށް ދިނީ އެންމެ 1500 އެއްހާ ޑޮލަރަށްވާ ޖަޕާނު ފައިސާއެވެ. އެ ފައިސާ ފެނުމުން އޭނާ ގާތަށް އައީ ހިނި ކަމަށް ބުނެ، ކޮހޭއީ ވަނީ އެ ފައިސާއިން ކުރާނީ ކީއްތޯ، ސުވާލު ކޮށްފައެވެ. ކޮހޭއީ ބުނި ގޮތުގައި އޭނާގެ ދިރިއުޅުން އެހެން ތަނަކަށް ބަދަލު ކުރަން، 9000 ޑޮލަރު ހަރަދު ވިއެވެ.

މި ކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް، ޓޯކިޔޯ 2020 އޮލިމްޕިކްސް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ އިންކާރު ކޮށްފައެވެ. ސަބަބެއް ކަމުގައި ބުނީ، އެއީ ޖަޕާން ސްޕޯޓްސް ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.