ދީނާ ގުޅުންހުރި ތިން ބިލެއް ކަމަށްވާ ހައްޖުގެ ބިލާއި ޒަކާތުގެ ބިލާއި ވަގުފްގެ ބިލު ޑްރާފްޓްކޮށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

މި ތިން ބިލަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ 200 ބިލްގެ ތެރޭގައި ވެސް ހިމެނޭ ބިލުތަކެކެވެ.

ހައްޖު ބިލްގައި ހައްޖަށްދާ މީހުނާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރުމުގައި މިނިސްޓްރީގެ ދައުރާއި، ކޯޓާ ދޫކުރުމުގެ އުސޫލުތައް ކަންޑަ އަޅަން ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު އެ ބިލުގައި ހައްޖަށް މީހުން ފޮނުވުމުގައި ކޯޓާ ލިބޭ ކުންފުނިތަކުން އަމަލު ކުރަން ޖެހޭ ގޮތްތަކާއި އުސޫލުތަކުގެ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޒަކާތު ބިލުގައި ޒަކާތް ބަލައިގަތުމާއި، ޒަކާތް ބެހުމާއި، ޒަކާތު ފައިސާ ބަލަހައްޓާނެ ގޮތުގެ އުސޫލުތަކެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ބިލުގައި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރާނެ ކޮންކަހަލަ ކަންކަމަކަށް ކަން ވެސް ކަނަޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވަގުފް ބިލުގައި ވަގުފަކީ ކޮބައި ކަމާއި، ވަގުފް ކުރެވޭނެ ކަންކަމާއި، ވަގުފްގެ ގޮތުގައި ލިބޭ ތަކެއްޗާއި މުދާ ބަލަހައްޓާނެ ގޮތާއި އަމަލު ކުރަންޖެހޭނެ ގޮތްތައް ކަނޑައެޅުން ވެސް ހިމެނެއެވެ.

ހައްޖާ ބެހޭ ގާނޫނެއް އެކުލަވައިލުމަށް ހަމަޖއްސާފައި ވާއިރު، މީގެ ކުރިން ހައްޖަށް މީހުން ފޮނުވުމުގައި އެ މަސައްކަތް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ބައެއް ކުންފުނިތަކުން މީހުންގެ ފައިސާއަށް ހިޔާނާތްވެފައިވާ މައްސަލަތައް ވަނީ ފެނިފައެވެ ހަމައެއާއެކު ޒަކާތުގެ ބިލެއް އެކުލަވާލާއިރު، މީގެ ކުރިން ޒަކާތަށް ލިބޭ ފައިސާ ހަރަދު ކުރުމުގައި ކަން ކުރާ ގޮތަށް އާންމުން ވަނީ ފާޑުކިޔާފައެވެ.