މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވާ ބިލަށް އިސްލާހު ގެންނަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މުސްލިމަކާ ދިމާލަށް އާންމުތަންތަނުގައި ކާފަރެކޭ ބުނުން މަނާކުރުމަށް ގާނޫނުލްއުގޫބާތަށް ބަދަލު ގެންނަން ހުށަހަޅައިފައިވާ ބިލު ދިރާސާ ކުރުނަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ބިލަށް އިސްލާހު ހުށަހެޅުއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

މި ބިލަށް ގެނެވޭ އިސްލާހުތަކާއެކު ބިލުގެ މާއްދާތައް އަލުން ޑްރާފްޓްކޮށް އިސްލާމިކް މިނިސްޓްރީން ހުށަޙެޅި އިސްލާހުތަކާއި އާންމުން ހުށަހެޅި ކޮމެންޓުތަކަށް އެޑްރެސް ކޮށް ޑްރާފްޓް ތައްޔާރުކުރީ ކޮމިޓީގެ މެންބަރުންނަށް ފަސޭހައަކަށް ކަމަށް އިންތި ފާހަގަކުރައްވާފައި ވެއެވެ.

ގާނޫނު އަސާސީގެ 124 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުން ބިލް ހުށަހެޅި އިރުގައި، މާއްދާގެ އެއްވަނަ ނަންބަރުގައިި ފުރަތަމަ އޮތީ އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނުމެވެ.

އެ އަށް އިސްތިސްނާއެއް ލުމަށް މިއަދު އިންތި ވަނީ ހުށަހަޅާފައެވެ. އެގޮތުން ހިމަނާފައިވާ ހާލަތަކީ މީހަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްދުގައި ފާޅުކުރުމާއި، ފާޅުގައި ދީނުން ބޭރުވެ މުރުތައްދުވުމެވެ. އަދި މީހަކު ކާފަރު ނުވަތަ މުރުތަދުވެފައިވާކަމަށް ބުނުން ކުށަކަށް ވާނީ އެނޫން ހާލަތްތަކުގައި ކަމަށް ވެއެވެ.

ބިލުގެ ދެން ހުރި މާއްދާތަކަށް ބޮޑު ބަދަލެއް ގެނެސްފައިނުވި ނަމަވެސް ބިލު މުޅިން ނިންމާ މަޖިލީހުގެ ތަޅުމަށް އަލުން ފޮނުވާއިރު ބައެއް ބަދަލުތައް އަދިވެސް ގެނެވޭނެކަމަށް އިންތި ވިދާޅުވިއެވެ.