އިންޓާނެޓްގެ އަގު ހެޔޮކުރުމުގެ މަޝްރޫއުގެ ދަށުން އުރީދޫއިން މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭޏުންކުރެވޭ ގޮތައް ސުޕަނެޓް އަގުހެޔޮކޮށްފިއެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރާއި ސަރުކާރުގެ ނެޓުހެޔޮ ކުރުމުގެ މަޝްރޫއާއި އެއްބާރުލުންދިނުމުގެ ގޮތުން އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތަކަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މި ބަދަލުގެ ދަށުން އާ 4 ޕްލޭނާއެކު 100 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫއިން ތައާރަފް ކުރި ޑޭޓާ ރޯލްއޯވާ ގެ ހިދުމަތް ސުޕަނެޓް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އާންމު ދިރިއުޅުމުގެ ކަންކަމަށްވެސް އިންޓަނެޓް ޙިދުމަތުގެ މުހިންމު ކަން މިއަދު މިވަނީ ނުހަނު ބޮޑުތަނުން އިތުރުވެފައިކަމަށާ މި ޑިޖިޓަލް ދުނިޔޭގައި ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކޮށް އޭގެ ފައިދާ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، ސުޕަނެޓް ޕްލޭންތަކަށް މިއަދު މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަމަށެވެ.
އުރީދޫއިން ވަނީ ސަރުކާރުގެ ހުށަހެޅުންތަކަށް ބިނާކޮށް 4 ޕްލޭނެއް ތައާރަފްކޮށްފައެވެ. އެއީ 250 ރުފިޔާއަށް 30 ޖީބީ ލިބޭ ޕެކޭޖަކާ، 400 ރުފިޔާއަށް 65 ޖީބީ ލިބޭ ޕެކޭޖަކާ، 500 ރުފިޔާއަށް 130 ޖީބީ ލިބޭ ޕެކޭޖެއްގެ އިތުރުން 700 ރުފިޔާއަށް 210 ޖީބީ ލިބޭ ޕެކޭޖެކެވެ.
އަލަށް ނެރުނު ޕްލޭންތަކުގެ އިތުރުން ސުޕަނެޓްގެ ކުރީގެ ޕްލޭޏްތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް އުރީދޫއިން ބުނެއެވެ. އޭގެތެރޭގައި 100 ޕަސެންޓާ ހަމައަށް ސުޕަނެޓްގެ ހުރިހާ ޕްލޭންތަކެއްގެ ޑޭޓާ އެލަވަންސް އިތުރު ކޮށް އިތުރު ހަރަދަކާނުލާ ކަސްޓަމަރުންނަށް ކުރިއަށްވުރެ ގިނަ ކަންކަން ކޮށްލެވޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި މީގެ ސަބަބުން ޖީބީއެއް ވިއްކާ އަގު ތިރިވެގެންދާނެކަމަށްވެސް އުރީދޫއިން ބުނެއެވެ.
އުރީދޫއިން ބުނީ ސުޕަނެޓްގެ ހުރިހާ ޕްލޭންތަކަކަށާ އެޑްއޮންތަކަށޤ ޑޭޓާ ރޯލްއޯވާގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި މުޅިން އަލަށް އުރީދޫ ކަސްޓަމަރުންނަށް މަސް ނިމިގެންދާއިރު ބޭނުންނުކުރެވި ހުރި ޑޭޓާ ބޭކާރު ނުވެ، އެއްވެސް ލިމިޓެއްނެތި ދެން އަންނަ މަހުގެ ޑޭޓާ އެލަވަންސްއާއިއެކު ބޭނުންކުރެވޭގޮތް ވަނީ ހަދާފައެވެ.