1300 ގެ އަހަރުތަކުގެ ތެރޭގައި އޭޝިއާ އަދި ވިލާތުގެ ގައުމުތަކުގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަން، މަޝްހޫރު ނަމުން ނަމަ "ބްލެކް ޑެތު" ނުވަތަ "ދަ ގްރޭޓް ޕްލާގް"ގެ ޕޭޝަންޓް ޒީރޯ ނުވަތަ ގައިންގައިން އަރާ ބައްޔެއް އުފުލި ފުރަތަމަ މިހާއަށް ވުމުގެ ފުރުސަތު އޮތް މީހެއް ދެނެގަނެވިފައި ވާ ކަމަށް ސައެންސްވެރިން ބުނެފިއެވެ.
މީގެ 5000 އަހަރަށް ވުރެ ކުރިން މަރުވި ކަމަށް ބުނާ އެ މީހާ ދިރިއުޅުނީ ލެޓްވިއާ ކަމަށާ، މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު "ބްލެކް ޑެތު" ބަލިމަޑުކަމުގެ އެންމެ ޒަމާންވީ ސްޓްރެއިންގެ އަސަރު، އޭނާގެ ކިބައިން ފެނިފައި ވާ ކަމަށް ސައެންސްވެރިން ބުނެއެވެ.
1300ގެ އަހަރުތަކުގެ ތެރޭގައި ވިލާތުގައި މި ބަލިމަޑުކަން ފެތުރިގެން ދިޔަ އިރު، އެ ސަރަހައްދުގެ އާބާދީގެ 2 ބައިކުޅަ 1 ބައި މީހުންގެ ފުރާނަ ގެއްލުނެވެ. މި ބަލިމަޑުކަމުގެ ރާޅު އެތައް ގަރުނަކަށް ދެމިގެން ގޮސް، އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލިދިޔައެވެ.
5300 އަހަރުވީ އިންސާނެއްގެ ކަށިގަނޑުގެ ބައިތަކަށް އިޝާރާތް ކުރައްވަމުން، ޖަރުމަނުވިލާތުގެ ޔުނިވާސިޓީ އޮފް ކިއޭލްގެ ޑރ ބެން ކްރޯސް-ކިޔޯރާ ވިދާޅުވީ، މިއީ "ބްލެކް ޑެތު" ބަލިމަޑުކަމުގައި މަރުވި މީހުންގެ ތެރެއިން، އެންމެ ދުވަސްވީ ހެކި ލިބުނު ހަށިގަނޑުގެ ބައިތައް ކަމަށެވެ.
މި މީހާގެ ހަށިގަނޑު ވަޅުލާފައި ވަނީ ބޯލްޓިކް ކަނޑަށް އޮހޮރިގެންދާ ސަލަކް ކޯރުގެ އައްސޭރިފަށުގައި، ލެޓްވިއާގައެވެ. އެމީހާއާއެކު އިތުރު 3 މީހެއްގެ ހަށިގަނޑުވެސް އެ ސަރަހައްދުގައި ވަޅުލާފައި އޮތް ކަމަށް ހަބަރު ލިބެއެވެ.
ދިރާސާ ކުރާ ފަރާތްތަކުން ވަނީ 4 މީހުންގެ ކައްޓާއި ދަތްތަކުން ޑީއެންއޭ ނަގާ، ތަހުލީލުކޮށްފައެވެ. އަދި ތަފާތު އެކި ކަހަލަ ބެކްޓީރިއާތަކާ ވައިރަސްތަކަށްވެސް ޓެސްޓު ކުރިއެވެ.
މި ގޮތަށް ބެލި ބެލުމުން، އުމުރުން 20 އަހަރުގެ ދުވަސްތައް ގުނަމުންދިޔަ ފިރިހެނެއްގެ ހަށިގަނޑުން، "ދަ ގްރޭޓް ޕްލާގް" ޖެއްސި "ޔިރްސިނިޔާ ޕެސްޓިސް"ގެ އަސަރު ފެނުނެވެ. އެމީހާގެ ހަށިގަނޑަށް "ޔިރްސިނިޔާ ޕެސްޓިސް" ފޯރީ، މަންމަލި ޖަނަވާރުންގެ ތެރޭގައި ހިމެނޭ ރޯޑަންޓް އާއިލާގެ ޖަނަވާރެއް ދަތް އެޅުމުން ކަމަށް ވުން ގާތް ކަމަށާ، އެ މީހާ މަރުވެފައި ވަނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ކަމަށް ދިރާސާ ޓީމުން ބުނެއެވެ.
މި ގަދީމީ ސްޓްރެއިން އުފެދުނީ، މީގެ 7000 އެއްހާ އަހަރު ކުރިން ކަމަށް ބެލެވޭ ކަމަށާ، އެއީ ޔޫރަޕްގެ މެދުތެރޭ ހިސާބުތަކުގައި ދަނޑުވެރިކަން ފެށިގެން އައި ދުވަސްވަރު ކަމަށްވެސް ދިރާސާ ޓީމުން ބުނެއެވެ.
ބޮޑު ބަލިމަޑުކަމަކަށް މަގު ފަހި ނުކޮށް، ޖަނަވާރުންގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ބަލި ވާރުތަވަމުން ދިޔަ ކަމަށް ބެލެވޭ ކަމަށާ، އޭގެ ފަހުން އިންސާނުންގެ ހަށިގަނޑަށް ބެކްޓީރިއާ އަހުލުވެރިވެ، ބޫބޯނިކް ޕްލާގަށް މަގުފަހި ކުރީ ކަމަށްވެސް ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
މިއީ އަދިވެސް މުޅިން ނައްތާނުލެވި އޮތް ބައްޔެކެވެ. ނަމަވެސް ބަލީގެ ކުރީކޮޅު، ބަލި ހުރި ކަން ދެނެގަނެވިއްޖެނަމަ އެންޓިބައޮޓިކްސް ދީގެން ފަސޭހަ ކުރެވޭ ބައްޔެކެވެ.