ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 189،529 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަ ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިހާތަނަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 316،704 މީހުންނެވެ. އޭގެތެރެއިން 189،529 މީހުން ވަނީ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އިއްޔެ ކޮވިޑް ވެކްސިން ޖުމްލަ 207 މީހަކަށް ޖަހާފައި ވާއިރުއެއީ މާލެއިން 104 މީހަކާއި އަތޮޅުތެރެއިން 103 މީހެކެވެ. އަދި ދެވަނަ ޑޯޒް ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 741 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެއިން 300 މީހަކާއި އަތޮޅު ތެރެއިން 441 މީހެކެވެ.

ކޮވިޑް ވެކްސިންގެ ސްޓޮކް ހުސްވުމުން ވެކަސިން ފުރިހަމަ ނުކުރެވި ގިނަ ބަޔަކު ރާއްޖޭގައި އެބަތިއްބެވެ. ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މީހުންނަށް އެސްޓްރަޒެނެކާ ޖެހޭނެއެވެ. އެއީ ދެ އިންސްޓިޓިއުޓެއްގައި އުފެއްދި ކަމުގައި ވިޔަސް އެއް ވެކްސިނެކެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ މިއަންނަ ޖުލައި މަހުގެ 20 ގެ ކުރިން އެސްޓްރަޒެނެކާ ވެކްސިން ލިބޭނެ ކަމަށެވެ.