މިއަދު ޖުމްލަ 178 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 43 މީހަކާއި އަތޮޅުތެރޭގެ ރަށްރަށުން 125 މީހަކާއި މިވަގުތު ހިންގަމުން ދާ ރިސޯޓުތަކުން 7 މީހަކާއި ތަރައްގީ ކުރަމުންދާ ރަށަކުން 3 މީހެކެވެ.

ޕޮޒިޓިވްވި މީހުންނާއެކު އެކްޓިވް ކޭސްތަކުގެ އަދަދަކީ 3815 ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު ޖުމްލަ އަދަދަކީ 73،660 އެވެ. މީހުންގެ ތެރެއިން 69،623 މީހުން މިހާތަނަށް ރަނގަޅުވެފައި ވާއިރު މަރުވި މީހުންގެ އަދަދަކީ 210 އެކެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން މިއަދު މާލެ ސަރަހައްދުގައި ހިންގާ ކާފިއު ވަގުތު ވަނީ ކުޑަކޮށްފައެވެ. އެގޮތުން މިހާރު ކާފިއު ހިންގާނީ ރޭގަނޑު 8 އިން ފަތިހު 4 އަށެވެ.

އޭގެ އިތުރުން ކޮވިޑް ޖެހި ރަނގަޅުވެފައި 60 ދުވަސް ނުވާނަމަ އިތުރު ކަރަންޓީންއަކާ ނުލާ ދަތުރު ކުރެވޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.