ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، 4,960 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، 17,790 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ފެންހިންދާ ނިޒާމެއް ގާއިމުކުރުމާ، ސާވިސް ލައިން އެޅުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިން ދުވަހު އެވެ.

ދުވާފަރުގެ މަގުހެދުމުގެ މަޝްރޫއު އެމްޓީސީސީ އިން ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖޫން 12، 2019 ގައެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭގޮތަށް 6813 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމު ކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.