އަންހެންކުދިން ހިތާނުކުރަން ހިތްވަރު ލިބޭ ގޮތަށް ކުރެއްވި ޓްވީޓަ ގުޅިގެން ޑރ. މުހައްމަދު އިޔާޒް މާފަށް އެދިވަޑައިގެންފިއެވެ.
އިޔާޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި އިސްލާމް ދީނާ ހިލާފު ބިލެއް ވައްދާ، އެބިލާ މެދު ރާއްޖޭގެ ރައްޔިތުންނާއި އިލްމުވެރިން އަޑުހަރުކޮށް ދެކޮޅު ހަދަމުން ދާ ދަނޑިވަޅެއްގައި، އިޔާޒް ކުރެއްވި ޓްވީޓަކާ ގުޅުވައިގެން މަދު ބަޔަކު އޭނާމެދު ނަފްރަތު އުފައްދަމުން ދާ ކަމަށެވެ.
އިޔާޒު ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ އެއްވެސް އިރެއްގައި އޭނާ އެކަމަށް ވަކާލާތު ކުރެއްވި އަދި ވަކާލާތު ކުރައްވާ އަދި ވަކާލާތު ކުރައްވާނެ ވެސް ކަމެއް ނޫން ކަމަށެވެ.
އިޔާޒު ވިދާޅުވީ ފެށުނީއްސުރެ އޭނާ ވިދާޅުވަމުން ގެންދެވީ އަންހެނުން ހިތާނުކުރުމުގެ މައްސަލައަކީ އިސްލާމް ދީނުގައި އަސްލެއް އޮތް ކަމެއް ކަމަށާއި އެއީ ދީނުގައި އަސްލެއް ނެތް ކަމެކޭ ބުނުމަކީ އޮޅުވާލުމެއް ކަމަށެވެ.
ލާދީނީ ފަރާތްތަކާއި، މުލްހިދުން އަބަދުމެ ކުރަމުން އަންނަ މަސައްކަތަކީ އިސްލާމް ދީނަކީ އަނިޔާވެރި ލާއިންސާނީ ދީނެއްގެ ގޮތުގައި ސިފަކޮށް މީހުން އިސްލާމް ދީން މަތިން ފޫހިކުރުވާ އިސްލާމްދީނާ މެދު ނަފްރަތާއި އަދާވާތްތެރިކަން އުފެއްދުމުގެ މަސައްކަތް ކަމަށް އިޔާޒް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކާމެދު ދިވެހި ރައްޔިތުންނާއި، ދީނީ އިލްމުވެރިން އިތުރަށް ސަމާލުވެ، އެފަދަ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިޔާޒު ވަނީ ގޮވާލައްވާފައެވެ.
އިސްލާމީ ޝަރީއަތުގައި ވަކިކަމެއްގައި، ދީނީ ބޮޑެތި އިލްމުވެރިންނާއި، މަޒްހަބުތަކުގެ އިމާމުންނާ ހަވާލާދީ، ދެކޮޅު އޮތްކަން ބަޔާންކޮށްގެން އިޔާޒަށް ނުވަތަ އެހެން ފަރާތަކަށްވެސް އަދަބެއް ދެވިގެން ނުވާނެ ކަމަށް އިޔާޒު ވިދާޅުވިއެވެ. އަދި އެފަދަ ކޮންމެ އަދަބެއް ވާނީ ބޭއިންސާފުން ދެވޭ އަދަބަކަށް ކަމަށާއި އަދި އެފަދަ އަދަބަކީ ހައްގު އަދަބެއް ކަމަށް ބުނާނީ ކޮން ހަމަޔަކުންތޯ އިޔާޒު ވަނީ ސުވާލު ކުރައްވާފައެވެ.
ހަމައެހެންމެ "ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ" ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ރައްޔިތުން ފާޅުކުރަމުންދާ ޝުއޫރުތައް ހުއްޓާނުލާ އެކަމުގެ އަޑު ކެނޑުނަ ނުދީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަންފަތްތަކަށް އިއްވުމަށް އިޔާޒު ވަނީ އިލްތިމާސް ކުރައްވާފައެވެ.