މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތު އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އެދުނު އަމުރާ ގުޅޭ ގޮތުން އަދި ކްރިމިނަލް ކޯޓުން ޖަވާބެއް ނުދޭ ކަމަށާ ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ ބަލަގަތުމުގައި ވެސް ގޮތެއް ނިންމާފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވަނީ ވޭތުވެދިޔަ ހަފްތާގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިނގައި ދިޔަ މުހިންމު ހާދިސާތަކާ ބެހޭ ގޮތުން އޭނާގެ ބްލޮގްގައި "ހަފްތާގެ ރިވިއު" ނަމުގައި އާންމު ކުރި 4 ވަނަ އޯޑިއޯ ޕޯސްޓް ހިއްސާ ކުރައްވަމުންނެވެ. ޝަމީމް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އަމުރެއް ނެރެދިނުމަށް އެދިފައި ވީއިރު އެ ކޯޓުން އަދި ވަކި ޖަވާބެއް ނުދޭ ކަމަށެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލަ ވާނީ ހައިކޯޓުގައި އިސްނިއުނާފް ކޮށްފައި ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެ މައްސަލަ ބަލައިގަތުމުގައި ވެސް ހައިކޯޓުގެ ރެޖިސްޓްރާ ވަކި ގޮތެއް ނިންމަވާފައި ނުވާ ކަަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައި، އަޅުގަނޑުމެން ގަބޫލު މި ކުރަނީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް. ދެން ހައިކޯޓުގެ ރެޖިސްޓްރާ މައްސަލަ ބަލައިގަތުމުގައި އަދި ވަކި ގޮތެއް ނިންމަވާފައެއް ނުވޭ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފެޖެއްޓުމަށް އަމުރެއް ހޯދަން ކްރިމިނަލް ކޯޓަށް ވާނީ ހުށަހަޅާފައި، އެ އަމުރާ ބެހޭގޮތުން ވެސް ކްރިމިނަލް ކޯޓުން އަދި ގޮތެއް ނިންމަވާފައެއް ނުވޭ. ދެން އެކަން ނިންމަވާނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު."
ހުސައިން ޝަމީމް

މި މައްސަލަ ކްރިމިނަލް ކޯޓުން ބަލަމުންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަންކަން ހުރި ނަމަވެސް އެ މައްސަލަ ބައްލަވާ ފަނޑިޔާރު ބަދަލު ކުރަން ގަސްތު ނުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ކުރާނަމަ، އުނދަގޫ މައްސަލައެއް ލިބޭ އިރަށް، ހަސްމުންނަށް ތުރާކޮށްގެން ފަނޑިޔާރު ބަދަލު ކުރަން އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ، މުޅި މައްސަލައަށް އޮތް ހައްލެއް ނޫން ކަމަށާއި މިހާރު މިދާ މަގުން، މަޑުމަޑުން ގޮސް މި މައްސަލައިގައި ގާނޫނީ ގޮތުން ރަނގަޅު ހައްލެއް ނެރުމަށް ބަލަމުންދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ދޫކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު އަލީ ވަހީދު ވަނީ މިދިޔަ ފެބްރިއަރީ މަހުގެ 9 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ޓާކިޝް އެއާލައިނުން ލަންޑަނަށް ފުރާވަޑައިގެންފައެވެ. އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައި ވަނީ 4 މަސްދުވަހަށް ނަމަވެސް އަދިވެސް އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އެންމެ ފަހުން އަލީ ވަހީދުގެ މައްސަލައިގައި އަޑުއެހުމެއް ބާއްވާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންފައި ވަނީ އޮންލައިންކޮށް ވީޑިިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ހުންނަވައިގެންނެވެ.