ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އާ ވޭރިއަންޓެއް ފެނިފައި ވާ އަވަށްޓެރި އިންޑިއާއިން މިއަދުވެސް، ބައި ލައްކައާ ގާތް ކުރާ އަދަދަކަށް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފިއެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރެގައި އިންޑިއާއިން ކޮވިޑް-19ގެ 46148 ޕޮޒިޓިވް ކެސް ފެނިފައި ވާ ކަމަށާ، ހަމަ މި ވަގުތުގެ ތެރޭގައި 979 މީހަކު، މި ބަލީގައި މަރުވެފައި ވާ ކަމަށް، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑްތަކުން ދައްކައެވެ.

ފާއިތުވީ 2 މަހެއްހާ ދުވަހަށް ބަލާއިރު، މިއީ އެ ގައުމުން ކޮވިޑްގައި މަރުވި މީހުންގެ އަދަދު، 1000 އަށް ވުރެ ދަށުން ރެކޯޑް ކުރި ފުރަތަމަ ދުވަހެވެ.

ކޮވިޑަށް ޕޮޒިޓިވްވެގެން އިންޑިއާއިން މިހާތަނަށް، ޖުމުލަ، 30279331 ކޭސް ރެކޯޑް ކޮށްފައި ވާ އިރު، މަރުގެ ކޭސްތަކުގެ ޖުމުލަ އަދަދު، 396761 އަށް ވަނީ އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

މި ދަނޑިވަޅަކީ، ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް، ކަންބޮޑުވާ ވޭރިއަންޓެއްގެ ގޮތުގައި އިންޑިއާއިން ބަލައިގަނެ، އެކަން އިއުލާން ކޮށްފައި ވާ ދަނޑިވަޅެކެވެ. އޭޕްރިލް މަހު ބިންދާލި ކޮވިޑް ތޫފާނުގެ އަސްލެއްގެ ގޮތުގައި ޑެލްޓާ ވޭރިއަންޓް ސިފަ ކުރާއިރު، މިފަހަރުގެ ވޭރިއަންޓަށް ކިއަނީ ޑެލްޓާ ޕްލަސް ވޭރިއަންޓްއެވެ. އިންޑިއާގެ އިތުރުން އެހެން މަންޒިލްތަކުންވެސް މި ވޭރިއަންޓް ފެނިފައި ވާ ކަމަށް ހަބަރު ލިބެއެވެ. ޑެލްޓާ ޕްލަސްޓް ވޭރިއަންޓް ފެނިފައި ވާ މަންޒިލްތަކުގެ ތެރޭގައި އިނގިރޭސިވިލާތްވެސް ހިމެނެއެވެ.