އއ. އުކުޅަހުގެ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށައިފިއެވެ.

އުކުޅަހުގައި އެމްޓީސީސީން ހިންގަމުންގެންދާ ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ އުކުޅަހު ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ 19،630 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުން ހިމެނޭ ކަމަށެވެ. އަދި 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 138.73 މީޓަރުގެ ޖެޓީއެއް ހެދުން އަދި 580 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.

އެމްޓީސީސީ އިން ދަނީ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރު ހެދުމުގެ މަޝްރޫއާއި މަގު ހެދުމުގެ މަޝްރޫއުތައްވެސް ކުރިޔަށް ގެންދަމުންނެވެ. އަދި އެ ކުންފުންޏަށް 40 އަހަރު ފުރުން ފާހަގަކުރަމުންދާއިރު މިދިޔަ 2020 ވަނަ އަހަރަކީ އެ ކުންފުންޏަށް މާލީ ގޮތުން އެންމެ ކާމިޔާބު އަހަރުކަން ވަނީ އެމްޓީސީސީ އިން ހާމަކޮށްފައެވެ. އެ ކުންފުންޏަށް މިދިޔައަހަރު 1.337 ބިލިޔަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައި ވެއެވެ.