ދިވެހިންނާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ބަޔަކު ހިފާ ހައްޔަރު ކުރަން މިހާރު ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމުން އެކަމާ ކަންބޮޑުވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ބުނީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްޓަކައި އެއްވެސް އަސާސެއް ނެތި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް މީހުން ހިފާ ހައްޔަރު ކުރުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ.

އެ ޕާޓީއިން މިހެން ބުނީ ގިނަ އަދަދެއްގެ ބަޔަކު ކުއްލިއަކަށް ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން އެ ޕާޓީ އިން ކްލަބް ހައުސްގައި "ހަރުގެ" ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނެ ގޮތްތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައްޔާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 58 ވަނަ މާއްދާއާއި 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާ ކަމަށާއި ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް އަބަދުވެސް ގަބޫލުކުރާ ކަމަށް އެޕާޓީން ބުނެއެވެ.

އެއްވެސް މީހަކު ހައްޔަރު ކުރަންވާނީ އެމީހެއްގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރެގެން ކަމަށާއި އަދި މީހަކު ހިފާ ހައްޔަރުކޮށްފައި ބެހެއްޓޭނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއް އޮވެގެން ކަމަށްވެސް އެ ކޯލިޝަންއިން ބުންޏެވެ.

އެހެންކަމުން ކުށެއްނެތް މައުސޫމް މީހުން ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ހިފާ ހައްޔަރުކޮށް އަނިޔާވެރިކަން އިސްނުކުރުމަށާއި ގާނޫނުތަކުގައި ލިޔެވިފައިވާ ގޮތުގެ މަތިން ކަންކަން ކުރުމަށް އެ ކޯލިޝަން އިން ސަރުކާރަށް ވަނީ ގޮވާލާފައެވެ.