ކެފޭ/ރެސްޓޯރަންޓްތަކަށް ހުއްދަ ދިނުމާ ގުޅޭގޮތުން ދަނީ މަޝްވަރާ ކުރެވެމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންތައް ވެފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ސަލާމަތްތެރިކަމާ އެކު ފިޔަވަޅުތައް ނެގޭ އެންމެ އަވަހަކަށް ނެގުމަކީ ސަރުކާރުގެ ވިސްނުން ކަމަށެވެ.
އެގޮތުން ބޮޑެތި އަދި ކުދި ވިޔަފާރިތަކަށް ސަރުކާރުން ސްޓިމިއުލަސް ޕެކޭޖްތަކެއް އިއުލާންކޮށް މީރާ އިން ވެސް ޓެކްސް އަށް ލުއިތަކެއް ދީފައިވާ ކަން ފާހަގަކުރައްވާ މަބްރޫކު ވިދާޅުވީ ޑެލިވަރީގެ ހިދުމަތް މުޅި ދުވަހު ދެވޭ ގޮތަށް ބަދަލުކޮށް ޓޭކްއަވޭގެ ހިދުމަތުގެ ވަގުތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ ތަނުގައި ތިބެގެން ހިދުމަތް ދިނުމަށް ބަލާއިރު، ރެސްޓޯރަންޓް އެސޯސިއޭޝަން (ރޭމް) އިން ރައީސްއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެކަން އޮތީ މަޝްވަރާގެ މޭޒުމަތީގައި ކަމަށެވެ.
ކެފޭ/ރެސްޓޯރަންޓްތަކަށް ހުއްދަ ދޭއިރު ގެންގުޅޭނެ އުސޫލުތައް ހަދާ ނިމިފައިވާ ކަމަށާއި ސިއްހީ ދާއިރާ އިން އިޝާރާތެއް ލިބުމާ އެކު ހުއްދަ ދޭނެ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.
މަބްރޫކު އެހެން ވިދާޅުވެފައިވާއިރު ރޭމް އިން ވަނީ "ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން ސުލްހަވެރި އަޑުއުފުލުމެއް މާދަމާ ބެއްވުމަށް ނިންމާފައެވެ.
އެގޮތުން އެ އަޑުއުފުލުހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގަައި ކަމަށް ރޭމް އިން ބުނެއެވެ.
ރޭމް އިން އަޑުއުފުލުމެއް ބާއްވަން ނިންމާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައި ވާތީއެވެ.
ކެފޭ/ރެސްޓޯރަންޓުތަކުން މިހާރު ހަމައެކަނި ދެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް އެކަންޏެވެ.
ޥިސްނަންތިއްބާ ބަގުރޫޓްވެއްޖެ. ލޯނު ނެގިއަސް ދެއްކޭނެގޮތެއްނެތް.