ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައި ވާތީ ރެސްޓޯރަންޓްތަކުގެ އިސްވެރިން މުޒާހަރާ ކުރަން ނިންމައިފިއެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަން (ރޭމް) ކުރި ޓުވީޓެއްގައި ބުނީ "ކާންދޭ އަތުގައި ދަތް ނާޅާ" ގެ ނަމުގައި ކެފޭ ރެސްޓޯރެންޓްތައް ހިންގާ ފަރާތްތަކުން ސުލްހަވެރި އަޑުއުފުލުމެއް މާދަމާ ބެއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ އަޑުއުފުލުހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައި ކާނިވާ ސްޓޭޖް ސަރަހައްދުގަައި ކަމަށް ރޭމް އިން ބުނެއެވެ.

ރޭމް އިން ވަނީ އެ ސިނާއަތުގައި އުޅޭ ހުރިހާ ފަރާތްތަކަށް އެ ސުލްހަވެރި އެއްވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ.

ރޭމް އިން އަޑުއުފުލުމެއް ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާއިރު މާލެ ސަރަހައްދުގައި ބޭރަށް ނުކުމެ އުޅެވެނީ ޒަރޫރީ ބޭނުންތަކަށް ފުލުހުންގެ ހުއްދައާއެކުގައެވެ.

ކެފޭ/ރެސްޓޯރަންޓުތަކުން މިހާރު ހަމައެކަނި ދެނީ ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތްތައް އެކަންޏެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައިވާތީ އެކަމާ ދެކޮޅަށް އަޑުއުފުލާ މީގެ ކުރިން ވެސް ރެސްޓޯރެންޓްތަކުގެ އިސްވެރިން ވަނީ މުޒާހަރާ ކޮށްފައެވެ.