އެމެރިކާގެ ލޮސްއެންޖަލީސް އިންޓަނޭޝާނަލް އެއާޕޯޓްގައި ދުއްވަމުން ދިޔަ މަތިންދާބޯޓެއްގެ ކޮކްޕިޓަށް ވަންނަން އުޅުނު މީހަކަށް އެކަން ކާމިޔާބު ނުވެގެން، އެ ބޯޓުން ބޭރަށް ފުންމާލައިފިއެވެ.

އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ، ކޮކްޕިޓަށް ނުވަދެވުނު މީހާ، ބޯޓުގެ ދޮރު ހުޅުވާލުމަށްފަހު، ކުއްލި ހާލަތުގައި ބޭނުން ކުރާ ސްލައިޑުން ބޭރަށް ފުންމާލީ ކަމަށެވެ.

ޓެކްސީވޭ މަތިން އެމީހާ ހައްޔަރު ކޮށް، ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮންކޮން ޒަހަމްތަކަކަށް ފަރުވާ ދޭން ކަން ހާމަ ކޮށްފައި ނުވާއިރު، އެއީ ކާކުކަމެއްވެސް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ސޯލްޓް ލޭކް ސިޓީއަށް ދަތުރު ކުރަމުން ދިޔަ ފްލައިޓް، ރަންވޭ މަތީގައި ޓެކްސީ ކުރަމުން ދަނިކޮށް، ފަސެންޖަރަކު ސީޓުން ތެދުވި ކަމަށް ފްލައިޓްގެ ކުރީއިންނާ ހަވާލާދީ ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ބޯޓުން ބޭރަށް ފުންމާލުމުގެ ކުރިން، ކޮކްޕިޓްގެ ދޮރުގައި ވަރަށް ބާރަށް ތެޅި ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.

އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ. އަދި އެމީހާ އެ ގޮތަށް އަމަލު ކުރުމުގެ މަގުސަދަކީ ކޮބައިތޯވެސް ބަލަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ފްލައިޓްތަކާ ގުޅިގެން ހިނގާ ހާދިސާތައް، މި ފަހަކަށް އައިސް، އިތުރު ވަމުން އަންނަ ކަން ފާހަގަ ކުރަންޖެހެއެވެ. އެގޮތުން މި އަހަރު އެކަނިވެސް، 3000 އެއްހާ ހާދިސާ ރެކޯޑް ކޮށްފައިވެއެވެ.