ހިނގަމުން މިދާ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ނިމޭއިރު، އެ ގައުމުގެ އާބާދީގެ 30 އަހަރުން މަތީ އުމުރު ފުރާގެ ބޮޑު އިންސައްތައަކަށް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ދޭ ވެކްސިން ޖަހާ ނިންމޭނެ ކަމަށް، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވީ، ސްރީލަންކާގެ ހުރިހާ ޕްރޮވިންސެއްގައި މިހާރުވެސް ކާމިޔާބު ކަމާއެކު ވެކްސިން މަޝްރޫއު ކުރިއަށް ދާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ އަދަދެއްގެ ވެކްސިން ޑޯޒް ލިބޭނެ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ސީނޯފާމްގެ 4 މިލިއަން ޑޯޒް އަދި ސީނޯވެކްގެ 2.5 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ލިބޭނެ ކަމަށާ، ސްޕަޓްނިކް-5ގެ 2 މިލިއަން ޑޯޒް ގަތުމަށްވެސް އެއްބަސްވުންތައް އެކުލަވާލާފައި ވާ ކަމަށް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވިއެވެ.

ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކާމިޔާބުތަކެއް ހޯދާފައިވާ ގައުމެއް / ފޮޓޯ: އިންޑިއަން އެކްސްޕްރެސް

މީގެ އިތުރުން، ސީނޯފާމްގެ 5 މިލިއަން ޑޯޒްގެ ވެކްސިނާއި، ސީނޯވެކްގެ 2.5 މިލިއަން ޑޯޒް އަދި ސްޕަޓްނިކްގެ 2 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން، އޯގަސްޓް މަހު ލިބޭނެ ކަމަށް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ ތެރޭގައި ސީނޯފާމްގެ އިތުރުން 3 މިލިއަން ޑޯޒް ލިބިމުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްރީލަންކާއިން 13 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށް ގޮތަބާޔާ ރާޖަޕަކްސަ ވިދާޅުވިއެވެ. އަދި އެހާތަނާ ޖެހޭއިރު، 30 އަހަރުން މަތީގެ ހުރިހާ އެންމެނަށްހެން ވެކްސިން ޖަހާ ދެވިފައި ވާނެ ކަމަށްވެސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ވިދާޅުވެފައެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާއަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ފާހަގަ ކުރެވޭ ފެންވަރުގެ ކާމިޔާބީތަކެއް ހޯދާފައިވާ ގައުމެކެވެ. އެ ގައުމުން މިހާތަނަށް ފެނިފައި ވަނީ ކޮވިޑްގެ 248050 ކޭސް ކަމަށް ވާއިރު، މި ބަލީގައި އެ ގައުމުން މަރުވީ 2814 މީހެކެވެ.

ޖޯންސް ހޮޕްކިންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުސްވި ހަފުތާ ނިމުނުއިރު، ސްރީލަންކާގެ އާބާދީގެ 3.98 ޕަސެންޓް މީހުންގެ ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ.