ކޮވިޑް19 އާ ގުޅިގެން އައްޑޫ ސިޓީގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ފިޔަވައި، އެހެނިހެން ރަށްރަށުގައި (މަރަދޫ، މަރަދޫފޭދޫ، ފޭދޫ) ގައި މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އަންގާފައިވާ އެންގުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
އެ ކައުންސިލުން ބުނީ ޖަމާއަތުގައި ނަމާދުކުރުން ނުހިމެނޭގޮތަށް މިސްކިތްތަކުގައި ނަމާދުކުރުމަށް މިހާރު ހުއްދަދީފައިވާ ކަމަށާއި ޒަރޫރީ ބޭނުންތަކަށް ފިޔަވައި އިތުރު ކަމެއްގައި ގެއިން ބޭރަށް ނުދިއުމަށް އަންގާފައި ވާއިރު، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން އަދިވެސް މަނާވާނެ ކަމުގައެވެ.
އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާއިރު، ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް ވެސް މަނާވާނެ އެވެ.
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ އިތުރު ފިޔަވަޅުތައް:
- ހުއްދަ ދޫކޮށްފައިވާ ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނުން ހިދުމަތް ދެވޭނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށް
- ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވޭނީ ހެނދުނު 06:00 އިން ރޭގަނޑު 06:00 އަށް
- ރޭގަނޑު 10:00 އަށް ޑެލިވަރީ ކުރެވޭނެހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކުން ދެވޭނީ ހަމައެކަނި ޑެލިވަރީގެ ހިދުމަތް
- ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން މަނާ
ހިތަދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން ހައުސް ހޯލްޑް ޕާމިޓަކާ ނުލައި ކާފިއު ނޫން ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުތުމަށް ހުއްދަ މިހާރު ވަނީ ދީފަ އެވެ. ކާފިއު ދެން ހިންގާނީ ހަވީރު 04:00 އިން ފަތިހު 04:00 އަށެވެ.
ހިތަދޫގެ ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތްދެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
އޭގެ އިތުރުން ހަވީރު 04:00 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިގެން ހިދުމަތްދިނުމަށް ހުއްދަ ވަނީ ހުއްދަ ދީފަ އެވެ. ނަމަވެސް މިސްކިތްތަކުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެއް ނުވެ އެވެ.