ޒަމާނަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް ދިވެހިންގެ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ވަނީ އައިސްފައެވެ. ޒަމާނުން ފެށިގެން މިއަދާ ހަމައަށް އައިސްފައިވާ ބަދަލުތަކަށް ބަލާލާއިރު ލާ ފޭރާމާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި، ހިނގާ ބިނގާ ވެ އުޅޭ ގޮތާއި، މުއާމަލާތް ކުރާ ގޮތްތަކަށް ވެސް މި ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ.

މިހާރުގެ ހާލަތަށް ބަލާއިރު އަހަރެމެންގެ ތެރޭގައި އުޅޭ ޒުވާން ފުރައިގެ މީހުންނާއި ކުޑަކުދިންނަށް ބަލާލިއަސް މި މަންޒަރު ވަރަށް ސާފުކޮށް ފެންނާނެއެވެ. މާމަމެންނަށް ފަހުމްވާން އުނދަގޫ އެތައް މަންޒަރަކާއި ބަސްތަކެއް އެ އުމުރުގެ މީހުން ބޭނުން ކުރާއިރު މާމަމެންގެ ޝަކުވާތަކަށް ރައްދު ދެމުން ބުނެލައި އުޅެނީ "ކަމޯން މާމާ. މީ 2021" ކަމަށެވެ.

ޓެކްނޮލޮޖީއާއި ޑިޖިޓަލް ދުނިޔޭގައި ފީނަމުންދާ މި ޖީލަށް އަންނަން ފެށި މިބަދަލުގެ ތެރޭގައި ބިދޭސީ ބަސްތައް ދިވެހިބަހާ މަސްހުނި ކޮށްގެން ވާހަކަ ދެއްކުން މި ވަނީ އާންމު ވެފައެވެ. ބާއްޖަވެރި ހެނދުނަކަށް މަރުހަބާ ކިޔުމުގެ ބަދަލުގައި "ގުޑް މޯނިން" ބުނެލުމަކީ އަހަރެމެންގެ ތެރޭގައި ދުލަށް ފަސޭހަ އަރާމު ގޮތެއް ކަމަށް މީހުން ދެކެއެވެ. ބިދޭސީ ބަސްތައް ބޭނުން ކުރަން މުނާސަބު ވާނެ ކަމަށް ދެކޭ ކިތަންމެ ބަޔަކު އުޅެއެވެ. ނަމަވެސް މިހާރު ހާލަތު އޮތް ގޮތުން ބައެއް ބަސްތައް ބޭނުން ކުރުމުން މާނަ އޮޅި ހިތުގައި ނުތަނަވަސްކަން އަށަގަންނަ ފަހަރު އާދެއެވެ.

މާލޭގައި ސާމްޕަލް ނަގާ ސެންޓަރެއް ކައިރީ ކޮވިޑް ސާމްޕަލް ނަގަން ކިއު ހަދާފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ކޮވިޑޭ ބުނުމުން ބިރުގަނެ ޖެހިލުންވާ މީހުން މި މުޖުތަމައުގައި ގިނަވެފައިވާ މި ދަނޑިވަޅުގައި 4 ރައްޓެހިންގެ ތެރޭގައި ދެކެވުނު ވާހަކައެއް ހިއްސާކޮށްލާނަމެވެ. 4 ރައްޓެހިންގެ ތެރެއިން އެކަކު ހުރީ ރޯގާ ޖެހިފައެވެ. އެކަން އެނގުމުން ދެން ހުރި ރައްޓެއްސަކު އެތައް ސުވާލެއް ކުރިއެވެ. ކޮވިޑްގެ އަލާމަތްތަކުން ރޯގާ ފިޔަވާ އިތުރު އަލާމާތެއް ނެތް ނަމަވެސް ދެން ތިބި 3 ރައްޓެހިން ތިބީ ކަންބޮޑުވެފައެވެ. އެހެންކަމުން އެކުވެރިޔާ ކޮވިޑަށް ޓެސްޓު ކުރަން އެދުމުން ހިނިގަނޑެއް ޖަހާލާފައި އޭނާ ބުނީ "ބީ ޕޮޒިޓިވް" ކަމަށެވެ.

އެ މީހުން ދިމާވި ދުވަސް ނޫން އަނެއް ދުވަހަކީ ކޮވިޑް ކޭސްތައް އިތުރުވާތީ ކާފިއު ހިންގަން ނިންމި ދުވަސްކަމުން ދެން އެމީހުން ބައްދަލެއް ނުކުރެއެވެ. ނަމަވެސް ހަފްތާއެއް ފަހުން އޭގެތެރެއިން ދެ މީހަކު ބަލިވުމުގެ ސަބަބުން ޓެސްޓު ހެދިއިރު އެމީހުން ކޮވިޑަށް ޕޮޒިޓިވް ވިއެވެ. ޕޮޒިޓިވް ނަތީޖާ ލިބުމާއެކު އެ ދެމީހުންގެ ހަނދާނަށް އައީ ހަފްތާއެއް ކުރިން ދިމާވި އެކުވެރިއާ ބުނި ވާހަކައެވެ. "ބީ ޕޮޒިޓިވް" އެވެ.

އޭނާގެ ހާލު ބަލާލަން އެމީހުން ގުޅާލިއެވެ. ކަންތައް ވީ އެމީހުން ހީކުރި ގޮތަށެވެ. އޭނާ ވެސް ހުރީ ކޮވިޑް ޖެހިގެން ވަރަށް ބޮޑުވަރު ވެފައެވެ. އޭރު ރޯގާގެ އަލާމަތް ހުރުމުން "ބީ ޕޮޒިޓިވް" ބުނެލައިގެން ހުރެ ރައްޓެހިންނާ އޭނާ ދިމާކުރުމުން އެ އެކުވެރިން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެދުވަހަށް ފަހު އެ ހަތަރު އެކުވެރިންނަށް އެ ބަސް ވީ ބިރުވެރި ބަހަކަށެވެ.

ހެޔޮ އެދިގެން ނުވަތަ ހިއްވަރު ދިނުމުގެ ގޮތުންވެސް އެމީހުންގެ ތެރޭގައި އެ ބަސް ބޭނުން ކުރުން ހުއްޓުނެވެ. އޭގެ ބަދަލުގައި "އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނަގަޅުވާނެ، އިންޝާﷲ" ބޭނުން ކުރުން އެމީހުން ހިޔާރު ކުރިއެވެ.