އައްޑޫސިޓީ ހުރިހާ ރަށެއްްގައި އަޅަފައި ވާ ކާފިއުގެ ތެރެއިން ހިތަދޫ ފިޔަވާ އެހެން ރަށްތަކުގެ ކާފިއު އުވާލައިފިއެވެ.

އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އައްޑޫސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ހިތަދޫ ފިޔަވާ ދެން ހުރި ރަށްތައް ކަމަށްވާ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ކާފިއު މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހިތަދޫގެ ކާފިއު އިއުލާން ނިމުމަކަށް ގެނެސްފައި ނުވަނީ އެރަށުން އަދިވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީއެވެ.

އެގޮތުން އިއްޔެ ވެސް ހިތަދޫއިން 7 މީހަކު ކޮވިދަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 6 ޑައިރެކްޓް ކޮންޓެކްޓަކާއި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި އެކަކެވެ.

އައްޑޫ އަތޮޅު ހިތަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވާތީ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 16 ގަޑިއިރަށް ކާފިއުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ.

އެގޮތުން ހިތަދޫގައި ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހަވީރު 4 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 8 އަށެވެ.