ލިބިވަޑައިގެންފައި ހުރި އަނިޔާ ވަރަށް ގިނަ ކަމަށާ މަސައްކަތް ކުރައްވަނީ އަނިޔާތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްޖެ ވަޑައިގަތުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު 6 ގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ. ޖަރުމަނުގައި ހުންނަވައިގެންވެސް އެމަނިކުފާނުގެ ހާލުކޮޅު ރައްޔިތުންނަށް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.
ޖަރުމަނުގަ ހުންނަވައި އެމަނިކުފާނު ދެންމެ ކުރެއްވި ޓްވީޓެއްގައި ވަނީ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާ ވަރަށް ގިނަ ކަމަށާ މާތް ﷲ ގެެ ރަހުމަތްފުޅާއެކު އެ ހުރިހާ އަނިޔާ ތަކުން އަރައިގަނެ ހެޔޮ ހާލުގައި ރާއްޖެ ވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ފެންނަ ފޮޓޯއެއް މީގެ ކުރިން އެމަނިކުފާނުގެ ބޭބެ ޑރ. އިބްރާހިމް ނާޝިދު ވަނީ ހިއްސާ ކުރައްވާފައެވެ. ނާޝިދު އިއްޔެ ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ފައިންޕުޅަށް ލިބިވަޑައިގެންފައިވާ ޒަހަމްތައް ފިޔަވައި އެހެން ހުރިހާ ޒަހަމެއް ފަސޭހަ ވެފައިވާ ކަމަށެވެ.
އަދި ނަޝީދުގެ ހަށިކޮޅަށް ލިބިވަޑައިގެންފައިވާ ޒަހަމްތައް ރަނގަޅުވެފައި ވާތަން ފެންނަ ފޮޓޮއެއްވެސް ވަނީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު މިއަދު ޓްވީޓް ކުރައްވާފައެވެ.
އެމަނިކުފާނަށް އަމާޒުކޮށްދިން ހަމާލާގެ ތަހުގީގު ފުލުހުން ކުރަމުން ދާއިރު މަޖިލީހުން ހަދާ އިންކުއަރީއާއި ރައީސް އޮފީހުގައި އޮތް ހާއްސަ ކޮމިޓީއަކުން އެ ކަންކަން ބަލުން ދެއެވެ. ނަޝީދަށް ދިން ހަމަލާއާ ސީދާ ގުޅުން ހުރި ކަމަށް ބަލާ 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ އިތުރުން ހަމަލާއާ ގުޅުން ހުރި 14 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.