ރާއްޖޭގެ ސްކޫލްތަކަށް އަރަބި އަދި ޤުރުއާން ކިޔަވައި ދިނުމަށް ތަމްރީނުވެފައި ތިބި ދިވެހި ޓީޗަރުން ބޭނުންވާ ވަރަށް ނުލިބިގެން ކަމަށް ބުނެ އިންޑިއާއިން ޓީޗަރުން ގެނައި މައްސަލަ ހޫނުވެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ފާޑު ކިޔަން ފަށައިފިއެވެ.

މި މައްސަލަ ހޫނުވެފައި ވަނީ އަންނަ 2021 ވަނަ އަހަރުގެ ދިރާސީ ކިޔެވުން ފެށެންވާ އިރަށް ރާއްޖޭގެ ސްކޫލަތްކުގައި އަރަބި އަދި ގުރުއާން މާއްދާ ކިޔަވައި ދިނުމަށް ބޭރު ޓީޗަރުން ހޯދާ ވާހަކަ ތިލަވި ހިސާބުންނެވެ. މި ކަމާ ގުޅިގެން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިިދިޔަ އަހަރު ވެސް ޓީޗަރުންގެ ދަތިކަން ހުރުމުގެ ސަބަބުން 10 ޓީޗަރެއް އިންޑިއާއިން ގެނެސްފައިވާނެ ކަމަށެވެ. އަދި އެ ޓީޗަރުން އިންޑިއާއިން ގެނައި އިރު އެތައް ގައުމަކުން ޓީޗަރުން ހޯދުމަށް އެދިފައި ވާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

"‏ކިޔަވައިދޭ ފޮތް މި އޮތީ ދިވެހިބަހުން. ޓީޗަރުން މި ގެނައީ އިންޑިޔާއިން. ދެން ކިޔަވައިދޭނީ ކޮން ބަހަކުން؟ ކުދިން ޤުރުއާން ގެ އެސްއެސްސީ އާ އެހެން އިމްތިހާންތައް ހަދާނީ ކޮން ބަހަކުން؟ ކުރަން ތި އުޅެނީ ކޮންކަމެއް ކަން ރައްޔިތުންނަށް ސާފުވާން ޖެހޭ."
އަބްދުލް މަތީން

މިތަނުގައި އެއްބަޔަކަށް މައްސަލައަކަށް ވީ އިންޑީއާއިން ޓީޗަރުން ގެންނާތީ އެވެ. އަނެއް ބަޔަކަށް މައްސަލައަކަށް ވީ ދިވެހި ބަހުން ލިޔެފައި ހުރި ފޮތްތަކަކުން ދަރިވަރުންނަށް އުނގައްނައި ދިނުމަށް ގެނައި އިންޑިއާ ޓީޗަރުން އެ މަސައްކަތް ކުރާނެ ގޮތެއް ނޭނގޭތީއެވެ.

ދިވެހިން ލިޔެފައި ހުރި ފޮތް ކިޔަވައިދޭން އިންޑިޔާ ޓީޗަރުން ގެނައުމާ ގުޅިގެން ރައީސް ޔާމިންގެ ސަރުކާރުގައި އެންވާރަމަންޓް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު ކަން ކުރެއްވި އަބްދުލް މަތީން ވަނީ ސުވާލު އުފައްދަވާފައެވެ. އެ ގޮތުން އޭނާ ވަނީ ދެން ކިޔަވައި ދޭނީ ކޮން ބަހަކުން ތޯ އާއި އިމްތިހާނު ހަދާނީ ކޮން ބަހަކުން ތޯ އައްސަވާފައެވެ.

ގްރޭޑް 1 ގެ ޤުރުއާން ދަރިވަރުންގެ ފޮތުގެ ފިލާވަޅެއް / ފޮޓޯ: ދަ ޕްރެސް

އަރަބި ފޮތުން ކިޔަވައި ދެވުނަސް ޤުރުއާން ފޮތް އޮތީ ދިވެހި ބަހުން!

މަތީން މިހެން ވިދާޅުވެފައިވާ އިރު ރާއްޖޭގެ ގްރޭޑްތަކަށް ޗާޕްކޮށްފައި ހުރި އަރަބި ފޮތްތަކުގައި ބޭނުން ކޮށްފައި ވަނީ އަރަބި ބަހެވެ. އެ ފޮތުގައި އެންމެ ތަންކޮޅެއްވެސް ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެފައެއް ނުވެއެވެ. ނަމަވެސް ޤުރުއާން މާއްދާ ފޮތްތަކަކީ ދިވެހިން އިރުޝާދުތައް ލިޔެފައިވާ ފޮތްތަކެކެވެ. އެ ފޮތުގައި ތަޖުވީދާ ބެހޭ ބައިތައް ދިވެހި ބަހުން ލިޔެފައިވާއިރު އެ މާއްދާއިން އިމްތިހާން ހަދާ އިރު ޖަވާބު ކަރުދާސް ފުރިހަމަ ކުރަން ޖެހެނީވެސް ދިވެހި ބަހުންނެވެ.

ގްރޭޑް 1 އިން ފެށިގެން ރާއްޖޭގައި އަރަބި، މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މީގެ 5 އަހަރު ކުރިންނެވެ. މި މާއްދާ އުފެއްދުމާ އެކު އޭރު އަރަބި އަދި ޤުރުއާން، މި ދެ މާއްދާ އެއް ޓީޗަރެއް ނަގައިދެމުން ދިޔަ ސްކޫލްތައް މަދެއް ނޫނެވެ. ނަމަވެސް ފަހުން އަރަބި މާއްދާ ކިޔަވައި ދޭން ދިވެހިން ތަމްރީން ކުރަން ފެށިއެވެ.

ގްރޭޑް 1 ގެ ޤުރުއާން އަދި އަރަބި މާއްދާގެ ދަރިވަރުންގެ ފޮތް / ފޮޓޯ: ދަ ޕްރެސް
"ކުދިންނަށް މިހާރުވެސް އެންމެ އުނދަގޫ މާއްދާއަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ބުނާނެ އަރައްބޭ. އެހެން ކުދިން ބުނަނީވެސް ބަހުގެ މާނަ ނޭނގޭތީ. ފިލާވަޅެއް ގޭގައި ހަދަން ދިނަސް ކިތައް ކުދިންގެ މަންމައަށް ބާ އެ ފިލާވަޅު ބުނެދޭން އިނގޭނީ."
ބެލެނިވެރިއެއް

މިއަދާ ހަމައަށް އައި އިރުވެސް މި މާއްދާއަކީ ކުދިންނަށް ފުރިހަމައަށް ކިޔަވައިދެވޭ މާއްދާއެއް ނޫން ކަމަށް ބެލެނިވެރިން ބުނެއެވެ. ސަބަބަކީ ދިރާސީ އަހަރެއް ނިންމާލާއިރު އަރަބި ފޮތް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް ބައެއް ބެލެނިވެރިން ބުނެއެވެ. މުޅި ފޮތް އަރަބި ބަހުން ލިޔެފައި އޮންނާތީ ކުދިންނަށް އެ ފޮތުގައި ދީފައި ހުންނަ އިރުޝާދުތައް ވެސް ދެނެގަންނަން ނޭނގޭ ކަމަށާއި ބެލެނިވެރިންނަށް ވެސް ކުއްޖާއަށް ނޭނގޭ އެއްޗެއް އެ ފޮތުން ކިޔައިދޭން އިނގޭ ބެލެނިވެރިން މަދުވާނެ ކަމަށް ވެސް މަންމައިން ބުނެއެވެ.

މިކަމާ ގުޅިގެން އެއްބަޔަކު ސިޔާސީ ގޮތަކަށް ވިސްނަމުން ދިޔަ ނަމަވެސް އަނެއް ބައެއްގެ ވިސްނުން ހުރީ ކިޔަވާ ދަރިވަރުންނަށް ދިމާވާނެ އުނދަގޫތަކުން ދުރުކުރުމަށެވެ. އެއްބަޔަކު އިންޑިއާއިން ކޮންމެ ކަމެއް ކުރަން ވެސް މި ސަރުކާރުން މީހުން ގެންނަނީ އެ ގައުމުގެ ބަސް ދިރުވާ އާލާ ކުރަން ކަމަށް ބުނެއެވެ. އިންޑިއާގެ ސަގާފަތް ދިވެހިންގެ ތެރެއަށް މަސްހުނި ކުރަން އުޅެނީ ކަމަށް ބުނެއެވެ.

ގްރޭޑް 1 ގެ އަރަބި މާއްދާެ ދަރިވަރުންގެ ފޮތް / ފޮޓޯ: ދަ ޕްރެސް

ގިނަ ބެލެނިވެރިން ބުނަނީ މައްސަލަ ސިޔާސީ ކުރަން ބޭނުން ނުވާ ކަމަށެވެ. ބޭނުން ވަނީ ކުއްޖާއަށް ރަނގަޅަށް ކިޔަވައި ދޭށެވެ. ސުވާލު އުފެދެނީ އިންޑިއާ އިން ގެންނަ ޓީޗަރުންތަކެއް ދިވެހި ބަހުން ލިޔެ ޗާޕްކޮށްފައި ހުރި ފޮތްތަކަކުން ކިޔަވައިދޭނެ ގޮތަކާ މެދުއެވެ. ބައެއް ސޫރަތްތަކުގެ މާނަ ދިވެހި ބަހުން ލިޔެފައި ޤުރުއާން ޓެކްސްޓް ފޮތުގައި ހުރެއެވެ. ދިވެހި ބަހުން އެއްޗެއް ބުނަން ނޭނގޭ އިންޑިއާގެ މުދައްރިސުންނަށް އެ އާޔަތުގެ މާނަ ކުއްޖާ ކިޔައި ދަސްކުރޭތޯ ބަލާނެ ގޮތަކާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބެލެނިވެރިން ބުނެއެވެ.

މި މައްސަލަ ފެންމަތިވެފައި ވާއިރު، މިއަދަކީ 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމި ކުދިންގެ ނަތީޖާ ފާހަގަކޮށް ރިޕޯޓު ދޭ ދުވަހެވެ. 2021 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. މިހާރު ދަރިވަރުންނަށް ދެން ކިޔަވަން ފަށާ ގްރޭޑްގެ ޓެކްސްޓް ފޮތްތައް ވަނީ ދީފައެވެ. ނަމަވެސް އަދި ޤުރުއާނާއި ދިވެހި އަދި އިސްލާމް މާއްދާގެ ޓެކްސްޓް ފޮތްތައް ކުދިންނަށް ހަވާލުކޮށްފައެއް ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.