ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑު ޑީއެކްޓިވޭޓް ކުރަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމުގައި އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ބައެއް ކާޑުތަކުގެ މައުލޫމާތު ބޭރުގެ ބައެއް ވެބްސައިޓުތަކުގައި ހިމަނާފައިވާ ކަމަށް ބުނެ ބައިނަލްއަގުވާމީ ކާޑު އޭޖެންޓުން ވަނީ ބޭންކަށް އަންގައިފައެވެ. އެއާއެކު ބޭންކުން ވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އެ ކާޑުތައް ވަގުތުން ޑީއެކްޓިވޭޓް ކޮށްފައެވެ.

އެކަމާ ގުޅިގެން ބީއެމްއެލް އިން ބުނީ، އެ ބޭންކްގެ ބައިނަލްއަގްވާމީ ކާޑް ޕާޓްނާސްގެ އެހީތެރިކަމާއެކު، އެއްވެސް މިންވަރަކަށް ޑޭޓާ ކޮމްޕްރޮމައިޒް ކުރާކަން ފާހަގަ ވެއްޖެނަމަ، ނުގަވައިދުން އެއްވެސް ކާޑަކުން މުއާމަލާތެއް ހިންގުމުން ކަސްޓަމަރުން ރައްކާތެރިކޮށްދިނުމަށްޓަކައި، އެފަދަ ޑޭޓާ ކޮމްޕްރޮމައިޒްއަކާ ގުޅުން ހުރި ހުރިހާ ކާޑުތަކެއް ޑީއެކްޓިވޭޓް ކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ކަމަށެެވެ.

ބީއެމްއެލް އިން ބުނީ ޑޭޓާ ކޮމްޕްރޮމައިޒްވެފައި ވަނީ މަދު ކާޑުތަކެއްގެ ކަމަށެވެ. އެ ކާޑުތައް މިހާރު ޑީއެކްޓިވޭޓްކޮށް އެކަން ކަސްޓަމަރުންނަށް މެއިލްގެ ޒަރީއާ އިން އަންގާފައި ވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ޑިއެކްޓިވޭޓް ކޮށްފައި ވާ ކާޑުތަކުގެ ބަދަލުގައި އާ ކާޑެއް ހެއްދުމަށް ފަހު ބޭންކުން ކަސްޓަމަރުންނަށް އަންގާނެއެވެ.

ބީއެމްއެލް އިން ބުނީ މިއީ ކަސްޓަމަރުގެ އެކައުންޓްގެ ނުވަތަ ކާޑުގެ މައުލޫމާތު ބޭންކުން ބޭރުވެގެން ހިންގާފައިވާ ކަމެއް ނޫން ކަމަށެވެ.