ރައީސް ނަޝީދަށް ދިން ޓެރަރިސްތް ހަމަލާއާ ގުޅިގެން މައުލޫމާތު ހޯދަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރާއްޖޭން ބޭރަށް ދަތުރެއް ކުރައްވާފައިވާ ކަމަށް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ގައުމީ ސަލާމަތާބެހޭ 241 ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ ސީޕީ ހަމީދުވެސް ރާއްޖޭން ބޭރަށް ދަތުރެއް ކުރައްވާފައިވާ ކަމަށާ، އެ ދަތުރަކީ ރައީސް ނަޝިދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅުން ހުރި މައުލޫމާތު ހޯއްދެވުމަށް ކުރެއްވި ދަތުރެއް ކަމަށް ބައްލަވާ ކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު ލިބޭނީ ފުލުހުންނާ ބައްދަލުވީމައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފުލުހުންނާ ބައްދަލުކުރަން އެދިވަޑައިގެންފައި ވާ ކަމަށާ، 241 ކޮމިޓީ އާއި ފުލުހުންވެސް މެއި 6 ގެ މައްސަލައިގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

ގައުމީ ސަލާމަތާބެހޭ 241 ކޮމިޓީން ކުރިޔަށްގެން ދިޔަ އިންކުއަރީ އަށް ފުލުހުންނާއި ސިފައިން ހިމެނޭހެން 49 ބޭފުޅުން، ސުވާލު ކުރުމަށް ހާޒިރު ކުރިއެވެ. އަދި މިހާރު ކުރިޔަށް ގެންދަނީ ޓެރަރިސްޓް ހަމަލާއާ ގުޅޭ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކަމަށާ އެ ރިޕޯޓަކީ ދެފުށް ފެންނަ އިންސާފުވެރި ރިޕޯޓަކަށް ވާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވާފައި ވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، ވައިސް ޗީފް އޮފް ޑިފެންސްފޯސް ބްރިގޭޑީއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ކުރީގެ އެސްޕީޖީ ކޮމާންޑަރު ކާނަލް ނަސްރުﷲ އިބްރާހިމް މަޖުދީ ދެފަހަރެއްގެ މަތިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.