ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޖޫރިމަނާ ކުރިކަމަށް ބުނެ ދެއްކި ވާހަކަތައް ނަހުލާ ދޮގުކުރައްވާފިއެވެ.

ނަހުލާ ޖޫރިމަނާ ކުރީ މިދިޔަ ހަފުތާ ބަންދުގައި ނަހުލާ ދުބާއީއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީން ވެ ވަޑައިނުގެން މާލޭގައި ހުންނަ ކިންގްސް ލޯންޖް ރެސްޓޯރެންޓުގައި އިންނަވަނިކޮށް ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އެކަން ދޮގު ކުރައްވާ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ނަހުލާ ވިދާޅުވީ ކަރަންޓީނު އުސޫލާ ހިލާފަށް ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް ޖޫރިމަނާ ކުރިކަމަށް ބުނެ ފަތުރެމުން ދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އަދި އެއީ ދޮގު ވާހަކަތަކެއްކަން ސާފުކޮށްދިނުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންފައި ވާނެ ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކިންގްސް ލޯންޖް ރެސްޓޯރެންޓުން ބުނީ ސޯޝަލް މީޑިއާގައި އެ ފަތުރަމުން ދަނީ ދޮގު ވާހަކަ އެއް ކަމަށެވެ. ނަހުލާ އެ ރެސްޓޯރެންޓަށް ވަޑައިގެންފައި ނުވާ ކަމަށް ކިންގްސް ލޯންޖް ރެސްޓޯރެންޓުން ބުނެއެވެ.

ސޯޝަލް މީޑިއާ ފެތުރުނު އެވާހަކަ އާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ ނަހުލާ އަށް އަމާޒުވެފައެވެ.