މަރާލައި ފޮއްޓަކަށްލައި 21 ޖޫން 2021 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ފޭސް 2 ގެ މޫދަށް އެއްލާފައި އޮތް 13 އަހަރުގެ ކުއްޖާގެ މަރަށް އިހުމާލުވެފައިވާ ފަރާތްތައް ވޭތޯ ބެލުމަށް ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅައިފައި ވަނީ މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއެވެ.

މި ކުއްލި މައްސަލައިގައި ވަނީ 13 އަހަރުގެ ކުއްޖެއް ރަހީނުކޮށް މަރާލައިފައިވާ ކަމުގެ ހަބަރަކީ އެންމެންނަށްވެސް ކުއްލި ސިހުމެއް ގެނެސްދިން ހަބަރެއް ކަމަށާ، މިކުއްޖާ މަރާލައިފައި އޮއްވާ ފެނިފައި ވަނީ މިކުއްޖާ ރަހީނު ކުރިކަމުގެ ރިޕޯޓް މިމަހުގެ 20 ވަނަ ދުވަހު ކަމާބެހޭފަރާތަށް ރިޕޯޓް ކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.

އުމުރުން މިހާ ކުޑަ ކުއްޖަކު މަރާލައިފައި އޮއްވާ ފެނުމަކީ އެކަމާ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް މެންބަރު ފިރުޝާން ވަނީ ވިދާޅުވެފައެވެ. އަދި ޖެންޑާ މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ކުއްޖާއަކީ ދައުލަތުން އިޖުތިމާއީ އެހީ ފޯރުކޮށްދެމުން އަންނަ ކުއްޖެއް ކަމަށާ މިކަމުގެ އިހުމާލެއް ވެފައި ވޭތޯބަލައި މިފަދަ މައްސަލައިގެ އަސްލު ދެނެގަނެ މަރަށް އިންސާފު ހޯދައި ދިނުމަށް ފިރުޝާން ވަނީ ގޮވާލައްވާފައެވެ.

ފިރުޝާން ވަނީ އެންމެ ފަހުން އެކުއްޖާގެ އާއިލާއާ ބައްދަލުކޮށް އެކުއްޖާގެ ހާލުބަލާފައި ވަނީ ކޮންއިރަކުތޯ ޖެންޑާއާ ސުވާލު ކުރައްވާފައެވެ. އަދި މި މައްސަލަ ބެލުން އަވަސްކޮށް އެކުއްޖާގެ މަރަށް އިންސާފު ހޯދައިދިނުމަށްވެސް ފިރުޝާން ވަނީ ގޮވާލައްވާފައެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް އައުމާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވަގުތުން މި މައްސަލަ ބަލަން ފަށައިފައި ވާކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތު ހޯދައި އެ ކޮމިޓީގެ މެންޑޭޓުގެ ތެރެއިން ބެލެން އޮތް ގޮތަކަށް ބަލަމުން ދާކަމަށްވެސް އިންތި ވިދާޅުވެފައިވެއެވެ.

އިންތި ވިދާޅުވީ މިޒާތުގެ މައްސަލަތައް ހައްލު ކުރުމަށް މިހާރުވެސް މަޖިލީހުން އެކި ގާނޫނުތައް ފާސްކޮށްފައި ވާނޭ ކަމަށާ، އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ އިންސާފުގެ ގާނޫނު މަޖިލީހުން ފާސްކޮށްފައި ވާނޭ ކަމަށެވެ.

ކުޑަ ކުއްޖާ ބްލޭމްކޮށް ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި އޮތުމަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށް ވެސް އިންތި ވިދާޅުވެފައި ވެއެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހެންވޭރުގައި ހުރި ގެއެއް ބަލައި ފާސްކޮށްފައި ވާ އިރު، 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ. އަދި 27 އަހަރުގެ ފިރިހެން މީހާ މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށްވެސް ވަނީ ކޯޓުން އަމުރުފައެވެ.