ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހާއްސަ ފިޔަވަޅުތަކުގެ ދަށުން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދު ކުރަން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، މި ދިޔަ މެއި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައި ވާ މުއްދަތު، މޭ މަހުގެ 29 ގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުކުރައްވާފައި ވާ ކަމަށެވެ.

ރައީސް އޮފީހުން އެދިފައި ވަނީ މި މުއްދަތުގައި މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ކޮށް ދިނުމަށެވެ.

އަދި ސަރުކާރުގެ އިދާރާތަކުން ދޭ އަސާސީ ހިދުމަތްތައް ދިނުމަށާއި، އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މުވައްޒަފުން ހާޒިރުވާން ޖެހިއްޖެ ނަމަ، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކަށް މުވައްޒަފުން ހާޒިރުވެގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރެވިދާނެ ކަމުގައިވެސް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުގެ އިދާރާތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށް ވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އެޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އަންގަވާފައެވެ. ހަމަ އެއާއެކު މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާގޮތަށް ހަމަޖެއްސި މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫނެވެ.

ރާއްޖޭގައި ކޮވިޑް-19 ދަނީ ފެތުރެމުންނެވެ. އެއާ އެކު ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ 200 އިން މައްޗަށް އަރާފައެވެ. އެހެންވެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.