ރަހީނު ކުރުމަށް ފަހު މަރާލާފައިވާ އުމުރުން 13 އަހަރުގެ ކުއްޖާގެ ޕޯސްމޯޓަމް ހަދަން ނިންމައިފިއެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް އެކުއްޖާގެ ހަށިގަނޑު ބޭރަށް ފޮނުވަނީ ކޮން އިރަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.

13 އަހަރުގެ ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ކުއުްޖާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު 2:38 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.. އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ.

މި ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ރޭ ހެންވޭރުގެ ގެއެއް ބަލައި ފާސްކޮށްފައި ވާއިރު 17 އަހަރުގެ ކުއްޖަކާ 27 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރު ކޮށްފައެވެ.