ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ބުނީ އެ މީހާއަކީ އޭޕްރީލް 26، 2021 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާ ހޯދާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެމައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނ، އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 އެވެ.

ތަފާތު ގޮތްގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ މިހާރަކަށް އައިސް މުޖުތަމައުގައި އިތުރު ވަމުންދާ މައްސަލަތަކެވެ. އެހެންކަމުން ފައިސާއާއި އަގުބޮޑުތަކެތި ހިމެނޭ މުއާމަލާތްތައް ކުރާއިރު އެކުރެވޭ މުއާމަލާތަކީ ސައްހަ މުއާމަލާތެއްތޯ ކަށަވަރުކުރުމަށް ސަމާލުކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ސައްހަނޫން މުއާމަލާތެއް ހިންގުމަށް މަސައްކަތްކުރާކަމަށް ޝައްކުކުރެވޭނަމަ، ލަސްނުކޮށް އެ މުއާމަލާތެއްގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.