ހ. އެކްސްޓްރާ ހެވަން ބަލާ ފާސްކޮށް ރޭ ހައްޔަރުކޮށްގެން ގެންދިޔަ މީހަކީ 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލި މައްސަލައާ ގުޅުން ހުރި މީހެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 13 އަހަރުގެ ކުއްޖާ މަރާލި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ސީދާ ކޮން ގެއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހ. އެކްސްޓްރާ ހެވަން ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ވަނީ ގެންގޮސްފައެވެ.

ބަޔަކު 13 އަހަރުގެ ކުއްޖަކު ރަހީނު ކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ހުށަހަޅާފައި ވަނީ މި ދިޔަ އާދިއްތަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން ކުއްޖާ ހޯދަމުން ދަނިކޮށް އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ކުއުްޖާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު 2:38 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާ އޮތީ ފޮށިގަނޑަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެމީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށާށް ގެންގޮސްފައެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.