އއ. މަތިވެރި މަސްދޯންޏަކުން މާލެ ފޭބި 3 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ، އެ ރަށް އަނެއްކާވެސް މޮނިޓަރިންއަށް ލައިފި ކަމަށް މައުލޫމާތު ލިބިއްޖެއެެވެ.

މަތިވެރި ސިއްހީމަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު މާހިދު ''ދަ ޕްރެސް'' އަށް ވިދާޅުވީ އެ މަސްދޯނީގެ ބަޔަކު މާލެ ފޭބިކަމުގެ މައުލޫމާތު ލިބިވަޑައިގެން އެ ދޯނިން 12 މީހަކު މިހާތަނަށް ކޮވިޑަށް ޓެސްޓު ކޮށްފައި ވާ ކަމަށާއި އޭގެ ތެރެއިން 4 މީހެއްގެ ނަތީޖާ ލިބުނު އިރު 3 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ.

މަސްދޯނި، މާލެ ފޭބި މީހުންނާއެކު އެރަށަށް ގޮސްފައި ވަނީ ޖޫން 19 ވީ ހޮނިހިރު ދުވަހުއެވެ.

މި ކޭސްތަކާއި ގުޅިގެން ކައުންސިލް އިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް ކޮށްފައި ކަމަށް ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9 އިން ފަތިހު 4 އަށް މަގުމައްޗަށް ނުނިކުތުމާއި، ޕާޓީ ހަފްލާތައް ބޭވުން ހުއްޓާލުމުގެ އިތުރުން ހޮޓާ، ރެސްޓޯރެންޓުން ދެމުންދާ ހިދުމަތް ހުއްޓާލުން ހިމެނެއެވެ. އޭގެ އިތުރުން އަސްލަމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މީގެ ކުރިންވެސް މަތިވެރީގައި ވަނީ ކޮވިޑް ފެތުރިފައެވެ. މީގެ ކުރިން ކޮވިޑް ފެތުރިފައި ވަނީ އެފަހަރުވެސް މަސްދޯންޏެއްގެ ބަޔަކު މާލެ ފޭބުމަށް ފަހު ރަށަށް ދިޔުމުން ކަމަށް ވަނީ މައުލޫމާތު ލިބެއެވެ. މަތިވެރިއަށް ކޮވިޑް ގޮސްފައި ވާއިރު، އެ މަސްދޯނީގެ މީހުން ކަރަންޓީނު ނުވެ ރަށުތެރޭގައި އުޅޭކަމުގެ ޝަކުވާވެސް އެކިފަރާތްތަކުން ކޮށްފައި ވެއެވެ. އޭގެ ތެރެއިން އެކަކު ބުނީ، އެހެން މީހުން މާލޭގައި ހުރެފައި ރަށަށް ދާއިރު ކަރަންޓީނު ވާން ޖެހުނަސް އެ ދޯނީގެ މީހުން ނުވާ ކަމަށެވެ. އެހެން މީހަކު ބުނީ، އެ ދޯނީގެ މީހުން ކަރަންޓީނު ވާން ނުޖެހެނީ އެމީހުން ރަށަށް ދިޔައީ މާލެ ފޭބުމަށްފަހު ކަން ނޭނގޭތީ ކަމަށެވެ.