ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ގެކޮޅަށް ވުރެ ތީމުގެ ހުރީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެތައް ގޮތަކުން ރަނގަޅަށް ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކާ ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅި ބިލުގެ ރިޕޯޓު ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ފާރާތުން ތަޅުމަށް ހުށަހެޅުމަށް ފަހުއެވެ.

އެގޮތުން އަސްލަމް ވިދާޅުވީ ތީމުގެއަކީ ރައީސުލްޖުމްހޫރިއްޔާއަކު ހުންނެވުމަށް ދައުލަތުން އެތައް ހަރަދުތަކެއް ކޮށްގެން ހަދާފައިވާ ތަނެއް ކަމަށާ، އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ތީމުގެއަށް ބަދަލުވަވަޑައިގަންނެވުމަށް ކުރަން ޖެހޭ ކަންކަން ކަމާގުޅުން ހުރި އިދާރާތަކުން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ވަރަށް އެކަށީގެންވާ ގޮތެއްގައި މީގެ އަހަރުތަކެއް ކުރީން ތަނެއް ބިނާކޮށްފައިއެބަވޭ. އެއީ ތީމުގެ. އެދުވަސްވަރު އެތަން ބިނާކުރިއިރު ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް، އަޅުގަނޑުމެން ރަނގަޅަށް ވިސްނާލާއިރު، އޭރު ރައީސް މައުމޫނު ދުރުވިސްނުންފުޅާއެކު އެނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން
މެންބަރު މހައްމަދު އަސްލަމް

އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މަތި ކޮށްފައިވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ފަރާތުންނާއި އެކަމާ ބެހޭ އެހެން ފަރާތްތަކުން ވީ އެންމެ އަވަހަކަށް ރައީސް ތީމުގެ އަށް ބަދަލު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށް އަސްލަމް ގޮވާލެއްވިއެވެ.

ދައުލަތުގެ ދެ ބާރުގެ އިސްވެރިންނަށް ދައުލަތުން ރަސްމީ ގެކޮޅަށް ހަމަޖައްސާދިނުމަށް ރައީސް ނިންމަވާފައިމިވަނީ މިދިޔަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.