ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފިއެވެ.

އަލީ ވަހީދުގެ ޝަރިއަތް މިއަދު ބާއްވަން ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 3:00 ގައެވެ.

ކުރިމިނަލް ކޯޓުން ބުނީ، އަލީ ވަހީދުގެ ޝަރީއަތް ސިއްރު ކުރުމަށް ނިންމާފައި ވަނީ އެ މައްސަލައަކީ ޖިންސީ އަނިޔާއާއި ފުރައްސާރައިގެ މައްސަލައަކަށް ވާތީ ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ނޫން ކަމަށް އެ ކޯޓުން ބުނެއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަނީ އޮންލައިންކޮށް ވީޑިިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އޭނާ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ހުންނަވައިގެންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކުރިޔަށްދަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާ އަށް ދިޔުމަށް އެދިވަޑައިގަތުމުން ޕާސްޕޯޓު ދޫކޮށްފައިވަނީ ކްރިމިނަލް ކޯޓުންނެވެ. އެ ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ 4 މަސްދުވަހަށް ނަމަވެސް އަދިވެސް އޭނަ ރާއްޖެ އައިސްފައެއް ނުވެއެވެ.

މިމަހުގެ 10 ވަނަ ދުވަހަށް ޝަރީއަތުގެ އަޑުއެހުން ތާވަލު ކުރުމުންވެސް އަލީ ވަހީދު ވަނީ އޭނާގެ ބޭސްފަރުވާ ނުނިމޭކަމަށާ އޮންލައިންކޮށް އަޑުއެހުން ކުރިޔަށް ގެންގޮސްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެހެން ނަމަވެސް އޭރު ކޯޓުން އަންގާފައި ވަނީ އޮންލައިންކޮށް އަޑުއެހުން ނުބޭއްވޭނެ ކަމަށެވެ.