ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ހާޒިރުކޮށްފިއެވެ.

މި ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު ހޯދުމުގެ ބައްދަލުވުންތައް ކުރިޔަށް ގެންދަނީ ސިއްރު ކޮށްގެންނެވެ. މިކަމާ ގުޅިގެން މަޖިލީހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ އިންގުއަރީއަށް މިނިސްޓަރު މާރިޔާ ހާޒިރުވެވަޑައިގެން ކޮމިޓީގެ މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވާތަން ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފައެވެ.

241 ކޮމިޓީގައި މިނިސްޓަރު މާރިޔާ ވާހަކަ ދައްކަވަނީ/ ފޮޓޯ: މަޖިލީސް

ރައީސް ނަޝީދަށް ދިން މިހަމަލާގެ އިންކުއަރީ އަށް ވަކިވަކި ސިފައިންނާއި، ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން އަންނަނީ ހާޒިރުކުރަމުންނެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހު ވަނީ 2 ވަނަ ފަހަރަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މިދިޔަ މޭމަހު 30 ވަނަ ދުވަހު ކޮމިޓީގެ ބައްދަލުވުމަށް ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ހާޒިރު ކޮށްފައިވާއިރު،. ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވަނީ އެދުވަހުގެ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ބޮޑީގާޑުންގެ އިތުރުން އިތުރުން މަޖިލީހުގެ 241 ކޮމިޓީއަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވެސް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

އަދި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވެސް ވަނީ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިދިޔަ ބުރާސްފަތި ދުވަހު 241 ކޮމިޓީއަށް ހާޒިރުކޮށްފައިވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ހޮނިހިރުދުވަހު 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ.