ބައްޕައިން ދުވަސް ފާހަގަ ކުރުމަކީ މިފަހަކަށް އައިސް އާންމުވެފައިވާ ކަމެކެވެ. މި އަހަރުގެ ބައްޕައިންގެ ދުވަސް އިއްޔެ ފާހަގަ ކޮށްފައިވާ އިރު ސޯޝަލް މިޑިއާއިން ފެނިގެން ދިޔައީ އެހެން އަހަރުތަކާ ހިލާފަށް ތަފާތު މެސެޖުތަކެކެވެ. އޭގެތެރެއިން ގިނަ މެސެޖުތަކަކީ ފެނުމުން ހިތަށް ފުން އަސަރުތަކެއް ކުރިވި މެސެޖުތަކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އިއްޔެ ސޯޝަލް މީޑިއާއިން ފެނިގެން ދިޔަ ގިނަ މެސެޖްތަކުގެ ތެރެއިން ހިތަށް އެންމެ ފުން އަސަރުތަކެއް ކޮށްފައި ވަނީ ބައްޕަ ދުނިޔެއިން ވަކިވެގެން ދިއުމުން ބައްޕަގެ ފުރާނައަށް ރަހުމަތް ލެއްވުން އެދި އަދި ބައްޕައަށް ހެޔޮދުއާ ކޮށްދިނުމަށް އެދި ލިޔެފައިވާ ޕޯސްޓްތަކެވެ. ބައްޕަ ނެތުމުގެ ހިތާމަ ކުރަމުން އަންނަ މީހުން ކޮށްފައިވާ ޕޯސްޓްގެ ދަށުން ގިނަ ބަޔަކު ވަނީ ހެޔޮ ދުއާގެ މެސެޖްތައް ފޮނުވާ ހިތްވަރުކުރުމަށް އެދިފައެވެ.

https://www.facebook.com/hussain.saeed.338/posts/2176682502468839

މީގެ އިތުރުން ވެސް ގިން ބަޔަކު ވަނީ ބައްޕައަށް ހެޔޮ ސިއްހަތެއް ދެއްވުން އެދި ދުއާ ކުރާ ކަމަށާއި ހުރިހާ ބައްޕައިންނަށް ވެސް ހެޔޮ ސިއްހަތަކާއެކު ދިގު އުމުރެއް ދެއްވުމަށް އެދޭ ކަމަށް ބުނެފައެވެ.

ކޮވިޑް ބަލިމަޑުކަން ރާއްޖެއިން ފެނުނުތާ މިއަދާ ހަމައަށް 471 ދުވަސް ވެފައިވާ އިރު، މިހާތަނަށް ރާއްޖޭގައި 71،896 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. މިއަދާ ހަމައަށް އައި އިރު ބަލި ޖެހުނު މީހުންގެ ތެރެއިން 66،379 މީހަކު ރަނގަޅުވެފައި ވާއިރު، 206 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މަރުވި މީހުންގެ ތެރޭގައި ވެސް އެތައް ދަރިންތަކެއްގެ ބައްޕައެއް ހިމެނޭނެއެވެ. އަދި މި ބަލިމަޑުކަމާ ހަނގުރާމަ ކުރަމުންދާ އެތައް ބައްޕަަކަށް މިހާރު ވެސް ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ އިރު އެ މީހުން ވެސް ދަނީ މި ބަލިން ސަލާމަތްވުމަށް ހަނގުރާމަ ކުރަމުންނެވެ.

މި ވޭތުވެ ދިޔަ އަހަރުތެރޭ އެތައް ބަޔަކު ކޮވިޑް ބަލީގައި މަރުވެގެން ދިޔަ ނަމަވެސް އެހެނިހެން ބަލީގައި ނުވަތަ ގުދުރަތީ މަރަކުން ވެސް މި ދުނިޔެއާ ވަކިވެގެން ގޮސްފައިވާ މީހުން ވެސް ހިމެނެއެވެ. އެ އާއިލާތަކުން ވެސް ދަނީ ބައްޕަ ނެތުމުގެ ހިތާމަ ކުރަމުންނެވެ.

https://www.facebook.com/Dhullisa/posts/359114618921147

ބައްޕައިންގެ ދުވަސް ނިމިގޮސް ހިތް ދަތިވާ އެތައް މެސެޖްތަކެއް ސޯޝަލް މީޑިއާއިން ފެނިފައިވާ އިރު، މުސްކުޅިވެ ދުވަސްވެފައިވާ މައިންބަފައިންނަކީ ކޮވިޑް ބަލި ޖެހިއްޖެ ނަމަ ބަލީގައި ބޮޑުވަރުވާ މީހުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އެމީހުން ބަލިން ރައްކާތެރިކޮށް ދިނުމަށް އެދޭ ނަމަ ގޭގައި އުޅޭ އެންމެން ވެސް މި ބަލިން ރައްކާވެ ތިބުމަށް މަސައްކަތް ކުރަން ޖެހެއެވެ.

އާއިލާގެ ދުޅަހެޔޮކަމަށް އެދޭ ނަމަ ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކޮށް މުޅި ރާއްޖެއިން ކޮވިޑް ބަލިމަޑުކަމުން ސަލާމަތް ކުރުމަކީ ހުރިހާ ދިވެހިން ވެގެން ކުރަންޖެހޭ ކަމެކެވެ. ބައްޕަ ގެ ފުރާނައާ އެއްވަރަށް މަންމަގެ ފުރާނަ ވެސް ސަލާމަތް ކުރެވޭނީ އޭރުންނެވެ. މައިބަފައިން ނެތިގެން ދިއުމަކީ ދަރިންނަށް ލިބޭނެ އެންމެ ބޮޑު ހިތާމައެވެ.