ނ. މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، މިލަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓާއި ބޭރުތޮށި ލުމުގެ މަސައްކަތުގެ 75 ޕަސެންޓް މިހާރުވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު 1،430 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް 42.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.