ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ ރެކޯޑް އޮންނަ އުސައިން ބޯލްޓް، އެއްމާބަނޑު ދެބެއިންގެ ބައްޕައަކަށް ވެއްޖެއެވެ.

ދުނިޔޭގެ ބަފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ޖޫން 20 ވަނަ ދުވަހު، އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި އުސައިން ބޯލްޓް ވަނީ، އެނާއަށް ލިބުނު އެއްމާބަނޑު ދެބައިންގެ ނަން އާންމު ކޮށްފައެވެ.

އުސައިން ބޯލްޓަށް ލިބުނު އެއްމާބަނޑު ދެބެއިންގެ ތެރެއިން އެއް ކުއްޖަކަށް ސެއިންޓް ލިއޯ ބޯލްޓް ކީ އިރު، އަނެއް ކުއްކާއަށް ދީފައި ވާ ނަމަކީ، ތަންޑާ ބޯލްޓްއެވެ.

އުސައިން ބޯލްޓަށް އެއްމާބަނޑު ދެބެއިން ލިބުނީ ކަނޑައެޅިގެން ކޮން އިރަކުކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެއްމާބަނޑު ދެބެއިންގެ އިތުރުން، އޭގެ ބޮޑަށް، އަންހެން ދަރިއަކުވެސް އުސައިން ބޯލްޓަށް ބައްޕަކިއައެވެ. އެއީ އުމުރުން 1 އަހަރުގެ އޮލިމްޕިއާ ލައިޓްނިންގްއެވެ. އޮލިމްޕިއާ އުފަންވީ މެއި 2020 ގައެވެ. ނަމަވެސް، އޭނާގެ ނަން ހާމަ ކުރީ އޭގެ 2 މަސް ފަހުންނެވެ.

ޖަމައިކާއަށް އުފަން ބޯލްޓް ވަނީ، 2017 ވަނަ އަހަރު، އެތުލެޓިކްސްއިން ރިޓާޔާ ކޮށްފައެވެ. ނަމަވެސް، 100 މީޓަރާއި 200 މީޓަރުގެ ރެކޯޑް، އަދިވެސް އޮންނަނީ ބޯލްޓްއަތުގައި ކަމުން، އޭނާއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ ހަލުވި މީހާ ކަމަށް ބުނެވެއެވެ.

އެތުލެޓިކްސްގެ މައިދާނުން ރިޓާޔާ ކުރުމަށްފަހު، ބޯލްޓް ވަނީ ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް، 2019 ވަނަ އަހަރު އޭނާ ވަނީ، ކުޅިވަރު ހަޔާން މުޅިން ދޫކޮށްލާކަން އިއުލާން ކޮށްފައެވެ.