މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވާލައިފިއެވެ.

އޭނާ މަސައްކަތުން ސަސްޕެންޑްކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގް މައްސަލައެއް އޭސީސީން ބަލަން ފެށުމުންނެވެ.

މޯލްޑިވްސް ގޭސް އިން ބުނީ، ޝަޒައިލްއާ ދެކޮޅަށް ބަލަމުންދިޔަ މައްސަލައިގައި އޭނާއާ ދެކޮޅަށް ހެއްކެއް ހޯދިފައި ނުވާތީ އިއްޔެ އިން ފެށިގެން އޭނާގެ ސަސްޕެންޝަން އުވާލާއި މަސައްކަތަސް ރުޖޫއުވުމަށް އަންގާފައިވާ ކަމަށެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރި މައްސަލައެއް އޭސީން ބަލާ ތަހުގީގު ކުރި އިރު އެފަދަ މައްސަލައެއް ސާބިތު ނުކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް އެ ތަހުގީގު ފެނުނު ހެއްކިތަކުން އޭނާގެ މައްޗަށް މަނީ ލޯންޑަރިން ކުރި ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކޮށްދިނުމަށް އޭސީސީން ވަނީ ފުލުހުނަށް އެދިފައެވެ. ފުލުހުން ވެސް ވަނީ އޭނާގެ މައްސަަލައިގައި ދެކޮޅަށް ހެއްކެއް ނުފެންނަ ކަމަށް ބުނެ އެ މައްސަލަ ފައިލް ކޮށްފައެވެ.

ޝަޒައިލްގެ މައްޗަށް ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތަކެއް އޮތުމުން އެކަމާ ގުޅިގެން އޭނާ ސަސްޕެންޝަންގައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އޭނާ ސަސްޕެންޑް ކުރީ ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުންނެވެ.

ޝަޒައިލް އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ މި ސަރުކާރުގެ ވެރިކަމުގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވީ އެމްއާރުއެމްގެ ސްލޮޓެއްގައެވެ. މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް އައްޔަން ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ ކުރީ ކޮޅެވެ.