މާލޭގެ މާފަންނުގައި ހުންނަ ގުދަނެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަރުފައެއް ފެނިގެން މިއަދު 11:00 ހާއިރު ފުލުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެގުދަނުން ފެނިފައި ވަނީ ބާމީސް ޕައިތަން ކިޔާ އާއިލާގެ ހަރުފަ އެކެވެ. އެހަރުފަ އަކީ އާންމު ގޮތެއްގައި 16 ފޫޓާއި 20 ފޫޓަށް ބޮޑުވާ ވިހަގަދަ ނުރައްކާތެރި ހަރުފައެކެވެ.

ހަރުފައަކީ ރާއްޖޭގައި ގެންގުޅުން މަނާ އެއްޗެކެވެ.

އެ ހަރުފަ ރާއްޖެ އެތެރެ ކޮށްފައިވަނީ ކިހިނެތް ކަމެއް އަދި އެނގިފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.

މީގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން ރާއްޖެއިން ހަރުފަ ފެނިގެން ރިޕޯޓުކޮށްފައި ވެއެވެ.