ނަފްރަތުގެ ބިލާ މެދު އަދާލަތުގެ ޕާޓީގެ ފަރާތުން ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވާފިއެވެ.
އަދާލަތު ޕާޓީން ބުނީ ނަފްރަތުގެ ކުށާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަދާލަތުގެ ޕާޓީގެ ފަރާތުން ރައީސް ސޯލިހާ މަޝްވަރާކޮށް ޕާޓީގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި މި ބިލް ގާނޫނަކަށް ވެގެން އަންނަ އިރު ރައްޔިތުންނާއ ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.
އަދާލަތު ޕާޓީން ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަށް އާންމުގެ ހިޔާލު ހޯދުމަށް ޕޯޓަލްއެއް ތައާރަފްކޮށްފައެވެ. އެ ޕޯޓަލްއެއް ތައާރަފްކޮށްފައިވަނީ އެ ޕާޓީގެ މެންބަރުން އަދި ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ނަފްރަތުގެ ބިލަށް ހިޔާލު ހުށައެޅުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެޕާޓީން ބުނެއެވެ
ހިޔާލު ހުށައެޅުއްވުމަށް "ނަފްރަތް ޑޮޓް ކޮމް" ގެ ނަމުގައި ހުޅުވާފައިވާ މި ޕޯޓަލް އަށް ޒިޔާރަތް ކުރުމަށް އަދާލަތުން ވަނީ އެދިފައެވެ.
މި ޕޯޓަލް މެދުވެރިކޮށް ފޮނުވާ ހިޔާލު ސީދާ ދާނީ ރައްޔިތުން މަޖިލީހުގެ އިއުލާން ނަންބަރު 57-F/IU/2021/27 ގައި ބަޔާންކޮށްފައިވާ މެއިލްއަށް ކަމަށާ މި ޕޯޓަލްގެ ބޭނުން އެންމެހާ ރައްޔިތުން ކުރުމަށް އަދާލަތުން ވަނީ އެދެފައެެވެ.