މޭ 6 ގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ބާރުގެ ބޭނުން ކުރާނެކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް ގެ ކޮމިޝަނާ މުއުމިނާ ވަހީދު ރޭ ވިދާޅުވީ މޭ 6 ގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިދާރާތަކުން ޖަވާބެއް ނުދޭ ކަމަށެވެ. އަދި އެޗްއާރުސީއެމް އިން ބަލަންޖެހޭ ކަންކަން ބެލުމަށް އިދާރާތަކުން އެ ކޮމިޝަނަށް މައުލޫމާތު ލިބެންޖެހޭ ކަމަށް ވެސް މުއުމިނާ ވިދާޅުވެއެވެ.

މުއުމިނާ އިތުރަށް ވިދާލުވީ އެޗްއާރުސީއެމް އިން އެ އިދާރާތަކާ ބައްދަލު ކުރާނެ ކަމަށާ، އިދާރާތަކާ ބައްދަލުކޮށް މައްސަލަ ތަހުގީގު ކުރުމުގައި ހުރީ ކޮން ދަތިތަކެއްތޯ ބަލާނެ ކަމަށެވެ.

މި މައުލޫމާތު ހޯދުމަށް ކޮމިޝަންގެ ގާނޫނުގެ ބާރުގެ ބޭނުން ކުރާނެ
މުއުމިނާ ވަހީދު

އެޗްއާރުސީއެމް އިން ވަނީ ނަޝީދު ހާދިސާގައި މީޑިއާތަކުން މައުލޫމާތު ފޯރުކޮށްދޭއިރު އޮޅުންއަރާ ގޮތައް މައުލޫމާތު ފޯރުކޮށް ނުދިނުމަށް އެދިފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އެއްވެސް ތަހުގީގެއް ކުރަމުން ނުދާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އުފައްދާފައިވާ "މޭ 6 ކޮމިޓީ" ގެ މަސައްކަތް ހުށައެޅުމުގެ ތެރެއިން އެ ކޮމިޓީގެ ޗެއާ އަދި ވިލުފުށީ ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަފީފުގެ ވާހަކައިގައި ވިދާޅުވުމާ ގުޅިގެން އެޗްއާރުސީއެމް އިން ބުނެފައިވަނީ ރައީސް ނަޝީދުގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އަދި ހަމަލާ ދިން ރޭ އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެ ކޮމިޝަނުގެ މެންބަރެއް ހިމެނޭ ގޮތުން ހަާއްސަ ޓީމެއް ހޮސްޕިޓަލަށް ގޮސްފައިވާ ކަމަށާ، އެ ހަމަލާއާ ގުޅިގެން އެރޭގެ 23:30 އާ ހަމައަށްވެސް އެ ކޮމިޝަނުގެ ހާއްސަ ޓީމުން ހޮސްޕިޓަލުގައި ކަންކަން ބަލަމުން ދިޔަ ކަމަށްވެސް އެޗްއާރުސީއެމް އިން ބުނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް ދެމަސްވުމާ ގާތަށް އައިސްފައިވާއިރު ހަމަލާގެ ތަހުގީގުން ހޯދިފައިވަނީ މި ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން 4 މީހެކެވެ. އަދި މި މައްސަލައާ ގުޅިގެން ހަރުކަށި ފިކުރުގެ އެތައް ގަޔަކު ވަނީ ހައްޔަރުކޮށްފައެވެ.