ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ގާނޫނުލްއުގޫބާތަށް ހުށަހަޅުއްވާފައި ވާ އިސްލާހުގެ ދިފާއުގައި ކުރިއަށް ދާ ޕެޓިޝަނެއް ހިއްސާ ކުރައްވާ އެއަށް ތާއީދު ކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފިއެވެ.
ޕެޓިޝަނުގެ ލިންކު ހިއްސާކުރަމުން ރައީސް ނަޝީދު ވިދާޅުވީ ނަފުރަތު އުފެއްދުމަށްޓަކައި މީހުން ލާދީނީ ކޮށް އެ ނަމުގައި ލޭބަލްކުރުން ޖިނާއީ ކުށަކަށް ހަދަން ތާއީދު ކުރައްވާ ކަމަށާއި އެ ޕެޓިޝަންގައި އެންމެންވެސް ސޮއިކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ޕެޓިޝަނުގައި ވަނީ އާންމު ތަންތަނުގައި މީހުންނާ ދިމާލަށް ކާފަރެއްކަމަށް ގޮވުމާއި ލާދީނީ ގޮވުމާ ދެކޮޅުވާ ކަމަށާ އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ތާއީދުކުރާ ކަމަށެވެ. އަދި ބޭނުންވަނީ ތަހުޒީބީ މެދުމިނުގެ އިސްލާމީ ދައުލަތެއް ގާއިމުކުރަން ކަމަށް ޕެޓިޝަނުގައި ވެއެވެ.
300 އަށްވުރެ ގިނަ މީހުން މިހާރުވެސް އެ ޕެޓިޝަނުގައި ސޮއިކޮށްފައި ވާއިރު މި ބިލާ ދެކޮޅަށްވެސް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން "ބޭން ސެކިއުލާ ބިލް" ގެ ނަމުގައި ހިންގަމުން ގެންދާ ކެމްޕޭންގައި ގިނަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
ނަފްރަތުގެ ބިލުގެ ދިފާއުގައި ޕެޓިޝަން ނެރެފައި ވާއިރު އަދާލަތުޕާޓީން ވެސް ވަނީ އެ ބިިލް މަޖިލީހުން ނެރެމަށް މީހުންގެ ތާއީދު ހޯދުމަށް ޕޯޓަލްއެއް ތައާރަފް ކޮށްފައެވެ. އެގޮތުން ނަފްރަތުގެ ބިލަށް ހިޔާލު ހުށަހެޅުމަށް "ނަފްރަތް ޑޮޓް ކޮމް" ގެ ނަމުގައި ހުޅުވާފައިވާ މި ޕޯޓަލް އަށް ވަނުމަށް އެޕާޓީން އެދެއެވެ.
ތިޔަބިލު އަވަހަށް ފާސް ވިއްޔާ ރަނގަޅީ. ވަރަށް ސަލާމް.