ފަރުވާ ލަސްވެގެން މަރުވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން، އަންނަ ހަފްތާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ކޮމިޓީގެ އިތުރު ބައްދަލުވުމެއް އިއްޔެ ހަވީރު 4.00 ބާއްވަން ނިންމިއެވެ. ނަމަވެސް ކޮމިޓީގެ މަސައްކަތް ހުރި ދަތިތަކުގެ ސަބަބުން އިއްޔެ ކޮމިޓީގެ ބައްދަލުވުން ނުބޭއްވުނު ކަމަށެވެ. އަދި އެބައްދަލުވުން ނުބޭއްވުނީތީ ކުރިއަށް އަންނަ ހަފުތާގައި ނަސީމް ހާޒިރުކުރައްވައިގެން ބައްދަލުވުން ބާއްވަން މަސައްކަތް ކުރާ ކަމަށް އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އަދި އެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި އަދި ކަނޑައަޅާފައި ނުވެއެވެ.

ހިއުމަން ރައިޓްސް ކޮމިޓީއަށް، ނަސީމް ހާޒިރުކުރަން ނިންމާފައި މިވަނީ މިޝްކާގެ މަރުގެ މައްސަލައިގެ އިހުމާލުތައް ބެލުމަށް ކުރިއަށް ގެންދާ ތަހުގީގު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ނަސީމް ވިދާޅުވެފައި ވަނިކޮށެވެ.

މިމަހުގެ 7 ވަނަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ނަސީމް ވިދާޅުވެފައިވަނީ، މިޝްކާގެ މަރާ ގުޅިގެން ކަން ހިނގައިދިޔަ ގޮތް ބެލުމަށް ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި މިހާތަނަށް ފާހަގަވެފައިވާ ކަންކަން ވަރަށް ތަފްސީލްކޮށް ހިމަނާފައިވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ކުރިއަށްއޮތް ތަނުގައި މެދުވެރިނުވާނެކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ޖޫން 1، 2021 ދުވަހުގެ ރޭ 12:10 ހާއިރު މަރުވި މިޝްކާގެ ކޭސް އާ ގުޅިގެން އެތައް ބަޔަކު ވަނީ މިނިސްޓަރު ނަސީމް އިސްތިއުފާ ދިނުމަށް ވެސް ގޮވާލާފައެވެ. މިއާއެކު، ނަސީމް ވިދާޅުވެފައި ވަނީ އެ މައްސަލަ ބަލާއިރު މިނިސްޓަރު ނަސީމްގެ އިހުމާލެއް އޮތްތޯ ވެސް ބަލަމުންދާ ކަމަށާއި އިހުމާލެއް އޮތްނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް އަދި އައިޖީއެމްއެޗަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދު ވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ.