އަހަރެއްހާ ދުވަހަށް ފަސް ވެފައިވާ ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމައިފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ޖަޕާނުން ތަންފީޒު ކުރަމުން ދިޔަ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ނިންމާފައި ވާ އިރު، އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފަށަން، ދެން އޮތީ، އެންމެ 5 ހަފުތާއެވެ.

ކޮވިޑް-19ގެ ސާޖަކާ ގުޅިގެން ޓޯކިއޯއާއި އެނޫންވެސް ސަރަހައްދުތަކުގައި ކުއްލި ނުރައްކާ އިއުލާންކޮށް، ފިޔަވަޅުތައް ވަރުގަދަ ކުރީ އޭޕްރިލް މަހުގެ ފަހުކޮޅުގައެވެ. ނަމަވެސް، އަންނަ އާދީއްތަ ދުވަހު މި ފިޔަވަޅުތައް އުވާލަން ވަނީ ނިންމާފައެވެ. ކަން މިހެން އޮތް ނަމަވެސް، ޖުލައި 11 ގެ ނިޔަލަށް ބައެއް ފިޔަވަޅުތައް ދަންމާލާނެ ކަމަށް ހަބަރު ލިބެއެވެ.

ޖުލައި 23 ވަނަ ދުވަހު އޮލިމްޕިކްސް ކުޅިވަރު މުބާރާތް އަދި އޯގަސްޓް 24 ވަނަ ދުވަހު ޕެރަލިމްޕިކްސް މުބާރާތް ފަށަން ތާވަލު ކޮށްފައި ވާއިރު، މުބާރާތްތަކާ ގުޅިގެން އަނެއްކާވެސް ކޮވިޑްގެ ސާޖެއް އައިސްދާނެ ކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މިއާއެކު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީދޭ ސޫގާ ވަނީ، ގޭގައި ތިބެގެން މުބާރާތް ބެލުމަށް ޖަޕާނުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.