މީހުންގެ އަގީދާއާ ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަހެޅި ބިލް އަނބުރާ ނެގުމަށް ގޮވާލައި 101 އިލްމުވެރިއަކު ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
އިލްމުވެރިންގެ ގުޅުމުން 101 އިލްމުވެރިއަކު ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ނަފްރަތުގެ ބިލުގެ ސަބަބުން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތް ތަކަކީ ނުރަނގަޅު ގޯސް ކަންތައްތައް ކަމާއި އެ ކަންކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި އާއްމުން ހޭލުންތެރި ކުރުމަށް ދީނީ އިލްމުވެރިންނާއި އެ ނޫން އާއްމު ރައްޔިތުންނަށް އެއްކޮށް ހުރަސް އެޅި ބަންދުވެގެން ދާނެ ކަމަށެވެ.
އެ ބިލުގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިވެހި ރައްޔިތުންނަށް ދެއްވި ނަމަވެސް، ދައުލަތުގެ ބާރުތައް އެހެން ބައެއްގެ އަތަށް ފުރޮޅިގެންދާ ހިނދެއްގައި އެކަން އެހެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހަށް ދެވެން ނޯންނާނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައި ވެއެވެ. އެހެންކަމުން އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމުގެ މަގު ތަނަވަސްކޮށް ނުދެއްވުމަށް އިލްތިމާސް ކުރާ ކަމަށް އެ ޕެޓިޝަންގައި ބުނެއެވެ.
މިހާރު ހިނގާ މިފަދަ އެންމެހާ ކަންކަމުގެ ދާއިމީ ގެއްލުމާއި ނުރައްކާ ކުރިމަތިވާނެތީ ނަފްރަތުގެ ބިލު އަނބުރާ ނަންގަވައި ދެއްވުމަށް އިލްތިމާސް ކުރާ ކަމަށް އެ ޕެޓިޝަނުގައި ވެއެވެ.
އެބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދު ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހެކެވެ. ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުމަށެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.
އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެ އިސްލާހު ހުށަހެޅުމުން މަޖިލީހުން ބަލައިގަނެފައި ވަނީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ވޯޓާ އެކުއެވެ. އަދި އެ އިސްލާހު ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވަނީ ވޯޓު ދީފައެވެ.
މި ބިލު ހުށަހެޅުމުން އެތައް ބަޔަކު އަންނަނީ ހިސާން އާއި ހިސާން ނިސްބަތްވާ އެމްޑީޕީއަށާއި މި ސަރުކާރަށް ފާޑު ކިޔަމުންނެވެ.