މޭ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯދުމަށް ޖަރުމަނަށް ވަޑައިގެން ހުންނެވި އިރު އެމަނިކުފާނުގެ ފައިގެ އިތުރު އޮޕަރޭޝަނެއް ކުރަން ފަށައިފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވީ ރައީސް ނަޝީދުގެ ފައިގެ އިތުރު އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމަނިކުފާނުގެ ފައިގެ އޮޕަރޭޝަނެއް މިމަހުގެ ކުރީކޮޅުވެސް ވަނީ ކޮށްފައެވެ. މި އޮޕަރޭޝަން 3 ގަޑިއިރަށް ދެމިގެން ގޮސްފައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާގުޅޭ ތަހުގީގު ގާތުން ބެއްލެވުމަށްޓަކައި ރާއްޖޭން ބޭރުގެ ހާއްސަ މަންދޫބަކު ރައީސް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަލާގެ ތަހުގީގަށް ހުރަސްއެޅޭނެފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެދިވަޑައިގެންފައެވެ. އަދި މި ހަމަލާގައި ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ވެސް މަޖިލީހުގެ ސަލާމަތީ ކަންކަމާބެހޭ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދާފައެވެ.