ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ފެނިފައިވާ ޖަވާހިރުތަކުގެ ތެރެއިން، 3 ވަނައަށް އެންމެ ބޮޑުވާނެ ކަމަށް ބެލެވޭ ޖަވާހިރެއް، ބޮޓްސްވާނާއިން ދައްކާލައިފިއެވެ.

މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ފެނުނު މި ޖަވާހިރު ދައްކާލާފައި ވަނީ، ބޮޓްސްވާނާގެ ރައީސް މޮކްގްވީޓްސީ މަސީސީއަށެވެ. 1098 ކެރެޓްގެ މި ޖަވާހިރު ހޯދާފައި ވަނީ، ބޮޓްސްވާނާގައި، ޖަވާހިރު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށް ވާ، ޑެބްސްވާނާއިންނެވެ. މި ޖަވާހިރުގެ ދިގު މިނުގައި 73 މިލިމީޓަރު ހުންނައިރު، ފުޅާ މިނުގައި 52 މިލިމީޓަރު އަދި ބޯ މިނުގައި 27 މިލިމީޓަރު ހުންނަ ކަމަށް މައުލުމާތު ލިބެއެވެ.

ބޮޓްސްވާނާއިން ފެނުނު ޖަވާހިރު / ފޮޓޯ: ރޮއިޓާޒް

ޑެބްސްވާނާ ޑައިމަންޑް ކޮމްޕެނީގެ އެކްޓިންގް ޑައިރެކްޓާ، ލިނެޓް އާމްސްޓްރޯންގް ވިދާޅުވީ، މިއީ އެ ކުންފުނީގެ ބައި ގަރުނުވީ ތާރީހުގައިވެސް ފެނުނު އެންމެ ބޮޑު ޖަވާހިރު ކަމަށެވެ. މި ކުންފުންޏަކީ ބޮޓްސްވާނާގެ ދައުލަތުގެ ހިއްސާވެސް އޮންނަ ކުންފުންޏެކެވެ.

މި ޖަވާހިރަކީ ދުނިޔެއިން ފެނުނު 2 ވަނައަށް އެންމެ ބަރު ޖަވާހިރަށް ވުރެ، ކުޑަތަންކޮޅެއް ލުއި ޖަވާހިރެއް ކަމަށް މައުލޫމާތު ލިބެއެވެ. 2 ވަނައަށް އެންމެ ބޮޑު ޖަވާހިރުގެ ރެކޯޑްވެސް އޮންނަނީ ބޮޓްސްވާނާގައެވެ. އެއީ 2015 ވަނަ އަހަރު ފެނުނު ޖަވާހިރެކެވެ.

ބޮޓްސްވާނާއިން އެންމެ ފަހުން މި ފެނުނު ޖަވާހިރު ވިއްކާލުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އާމްސްޓްރޯންގް ވަނީ ވިދާޅުވެފައެވެ.