ވާހަކަ ދެއްކުމާއި އެނޫންވެސް އެފަދަ ހަރަކާތްތަކުގެ ސަބަބުން ހަށިގަނޑުގެ ތެރެއިން ވައިގެ ތެރެއަށް ބޭރުވާ ތިކިތައް ނުވަތަ އޭރޯސޯލްސްއާއި ޑްރޮޕްލެޓްތައް، ވައިގެ ތެރޭގައި ދައުރުވުމުގެ ބަދަލުގައި، ވަކި ދިމާއެއްގައި ތަތްކޮށްލާ ޒާތުގެ، އިންގިލާބީ ކޯޓިންގް އެއް، ސައެންސްވެރިން އީޖާދު ކޮށްފިއެވެ.

އިސްތަށިގަނޑުގެ މަޑުކަން ދެމެހެއްޓުމަށް ބޭނުން ކުރާ ހެއާ ކޮންޑިޝަނަރުގައި އެކުލެވޭ މާއްދާއެއް ތަރައްގީ ކޮށްގެން ސައެންސްވެރިން އުފެއްދި މި ކޯޓިންގް އަކީ، ޖީބަށް ލުއި ކޯޓިންގެކެވެ. އަދި މިއީ ދެފުށް ފެންނަ ގޮތަކަށް ފަރުމާ ކޮށްފައި ވާ ކޯޓިންގް އަކަށް ވާއިރު، މިއީ ބިއްލޫރި ދޮރުތަކާ، ސީލިންގްގައިވެސް ބޭނުން ކުރެވިދާނެ ކޯޓިންގެއް ކަމަށް މައުލޫމާތު ލިބެއެވެ.

ނޯތުވެސްޓާން ޔުނިވާސިޓީގެ ޓީމުން ތަރައްގީ ކުރި، އޭރޯސޯލްއާއި ޑްރޮޕްލެޓް ހިފާ ކޯޓިންގް އާ ގުޅޭ ދިރާސާގެ މަންޒަރެއް / ފޮޓޯ: މެޑިކަލް އެކްސްޕްރެސް

މި ކޯޓިންގައި ބެހޭ ދިރާސާ އާންމު ކޮށްފައި ވަނީ ކެމް ޖާނަލްގައެވެ. ކެމް ޖާނަލްގައި އާންމު ކުރި ދިރާސާގެ އިސް މުސައްނިފެއް ކަމަށްވާ، ނޯތުވެސްޓާން ޔުނިވާސިޓީގެ އިންޖިނޭރިންގް ޕްރޮފެސާ ޖިއާޝިންގް ހުއާންގް ވިދާޅުވީ، ވައިގެ ތެރޭގައި ދައުރުވާ ޑްރޮޕްލެޓްތަކަކީ އެތެރޭގެ މާހައުލްތަކުގައި ގިނަ އަދަދަކަށް ޖެހޭ އެއްޗެއް ކަމަށެވެ.

މިހާރު އާންމުކޮށް ބޭނުން ކޮށްފައި ހުންނަ ޕްލެކްސީގްލާސްއަކީ މިފަދަ ތިކިތައް އެހެން މިސްރާބަކަށް އަނބުރާ ފޮނުވާލާ އެއްޗެއް ކަމަށާ، އޭގެ ބަދަލުގައި، އެ ބިއްލޫރިގަނޑުގައި ޑްރޮޕްލެޓް ހިއްޕާލެވޭ ގޮތް ވުމަކީ، ވައިގެ ތެރޭގައި އެ ތިކި ދައުރުވުން ހުއްޓުވާނެ ކަމެއް ކަމަށް ޕްރޮފެސާ ފާހަގަ ކުރައްވައެވެ. އަދި މިއީ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރުމަށް ކޮށާލެވޭ މުހިންމު މަގެއް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަކީވެސް މިފަދައިން ވައިގެ ތެރޭގައި ދައުރުވަމުންދާ ތިކިތަކުގެ ޒަރިއްޔާއިންވެސް ފެތުރޭ ބައްޔެކެވެ. ވައިގެ ތެރެއިން މި ތިކިތައް ނައްތާލުމަށް މިވަގުތު އޮތް ގޮތަކީ، ކުޑަ ދޮރުތައް ހުޅުވާ، ތަނުގެ ވައިދަރުވުމުގެ ނިޒާމު ނުވަތަ ވެންޓިލޭޝަން ވަރުގަދަ ކުރުމެވެ. ނުވަތަ ބާރުގަދަ ފިލްޓަރިންގް ނިޒާމެއް ހަރުކުރުމެވެ.

ނޯތުވެސްޓާން ޔުނިވާސިޓީގެ އިންޖިނޭރިންގް ޕްރޮފެސާ ޖިއާޝިންގް ހުއާންގްގެ ދިރާސާ ޓީމު / ފޮޓޯ: ޑެއިލީ ނޯޓުވެސްޓާން

މިކަމަށް ހައްލެއް ހޯދާ، ސަލާމަތްތެރިކަމާ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށް ޕްރޮފެސާ ހުއާންގްއާއި އޭނާގެ ޓީމުން އާ އީޖާދެއް ކުރުމަށް، ބޭނުން ކުރީ އިސްތަށިގަނޑާ ހަމުގެ ތެތްކަން ހިފަހައްޓަން ހާއްސަކޮށްފައި ހުންނަ ގިނަ އުފެއްދުންތަކެއްގައި ބޭނުން ކުރާ އާންމު މާއްދާއެއް ކަމަށްވާ "ޕޭމް-ޑީޑީއޭ" އެވެ.

ފިއްސެއްގެ އެހީގައި، ކުޑަދޮރުތަކުގައި މި މާއްދާ ހޭކުމުން، އެ ތަނެއްގެ ތެރޭގައި ދައުރުވަމުން ދިޔަ ކުދިކުދި ޑްރޮޕްލެޓްތައްވެސް ހިފުނުކަމަށް މައުލޫމާތު ލިބެއެވެ. އަދި ބޮޑެތި ޑްރޮޕްލެޓްތަކުގެ ތެރެއިން 80 ހިފަހައްޓާލެވުނު ކަމަށްވެއެވެ.

ނޯތުވެސްޓާން ޔުނިވާސިޓީގެ ޓީމުން ތަރައްގީ ކުރި، އޭރޯސޯލްއާއި ޑްރޮޕްލެޓް ހިފާ ކޯޓިންގް / ފޮޓޯ: ފްރާންސް 24

މި ގޮތަށް، ބިއްލޫރީގައި ތިކިތައް ހަރުލުމަކުން، އެ ބިއްލޫރިގަނޑެއް ނުސާފު ނުވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ދުވަހެއް ވުމުން، ފެން ބޭނުން ކޮށްގެން އެ ބިއްލޫރިގަނޑު ސާފުކޮށް، އަނެއްކާވެސް އެ ކޯޓިންގް ހޭކިދާނެއެވެ.

ޕްރޮފެސާ ހުއާންގްގެ ޓީމުން ތަރައްގީ ކުރި ކޯޓިންގްއަކީ ކޮންކުރީޓުގެ އިތުރުން، ދޮރުފޮތިތަކުގައިވެސް ހޭކިދާނެ ކޯޓިންގްއެކެވެ. ނަމަވެސް، އާންމު ބޭނުމެއް މި މާއްދާ ތައާރަފު ކުރުމުގެ ކުރިން، އަދި ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކެއް އެބަހުއްޓެވެ.

ކޮވިޑް-19 އިން ދިފާއުވުމަށްޓަކާ، ޖިސްމާނީ ގައިދުރުކަން އިސްކޮށް، މާސްކު ބޭނުން ކުރުމާއެކު ގިނަ ގިނައިން އަތްދޮވުމާއި، އާންމު އެއްވުންތައް މަޑު ޖައްސާލުން ބުއްދިވެރިއެވެ. އަދި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ފޯރުކޮށްދޭ ސައްހަ މައުލޫމާތު ތާ އަބަދުމެ ހޯދާ، އެކަމަށް އަމަލު ކުރުން އެދެވިގެންވެއެވެ.