އައްޑޫ ސީޓީ މަރަދޫގައި އަންހެނަކު، ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގޭގައި ގެންގުޅޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީގައި އަންހެނަކު ގެއިން ބޭރަށް ނުދެވޭ ގޮތަށް ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މިޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކަކާ ގުޅިގެން އެ މައްސަލައިގައި ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ސޯޝަލް މިޑިއާގައި ވަނީ ސ. މަރަދޫ ގެއެއްގައި 26 އަހަރުގެ އަންހެނަކު ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެ އާންމުންގެ މީހަކު ޕޯސްޓެއް ކޮށްފައެވެ. އެ އަންހެން މީހާ އަކީ 2016 ވަނަ އަހަރު އިރުޝާދިއްޔާ ސްކޫލްގެ ވަޒީފާއިން ވަކިވެގެން ގޭ މީހުންނަށް ފިލައިގެން މާލެ އައި މީހެކެވެ. އޭނާގެ އާއިލާ މީހުންނަށް ފިލައިގެން އޭރު މާލެ އައިސްފައި ވަނީ އެނާގެ މަންމަ، ގަނާ ކުރުމުގެ ސަބަބުން ކަމަށް ވެސް އެ ޕޯސްޓް ގައި ބުނެފައެވެ. އަދި އެ އާއިލާއަކީ ދީނީ ކަންކަމުގައި ހަރުކަށި ބައެއް ކަމަށް ވެސް އެ ޕޯސްޓަގައި ބުނެފައި ވެއެވެ.
އޭގެ ފަހުން އޭނާ ރަށަށް ގެންގޮސްފައި ވަނީ އާއިލާއިން ޕޮލިހަށް ރިޕޯޓު ކޮށްގެން ކަމަށް ބުނެފައި ވެއެވެ. އޭނާގެ އާއިލާއިން ތުހުމަތު ކޮށްފައި ވަނީ އެ އަންހެންމީހާ ސީރިއާއަށް ފުރައިގެން ދިއުމަށް ރަށުން ފިލައިގެން މާލެ އައީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. އެކަމާ ގުޅިގެން ފުލުހުން އެ އަންހެން މީހާ ބަލާ ފާސްކުރި އިރު އެކަމާ ގުޅޭ އެއްވެސް ހެއްކެއް ނުފެނުނު ކަމަށާއި އޭނާ މާލެއަށް އައީ ޕާސްޕޯޓު ވެސް ނުލައި ކަަމަށް ބުނެފައި ވެއެވެ.
އެ ފަހަރު ރަށަށް ގެންދިޔަ ގޮތަށް އެ އަންހެން މީހާ އެ ހުންނަނީ ގޭގައި ބަންދުވެފައި ކަމަށާއި ގެއިން ބޭރުން އެއްވެސް މީހަކާ މުއާމަލާތް ކުރުމުގެ ހުއްދަ ނުދޭ ކަމަށް ބުނެފައި ވެއެވެ. އެ އަންހެން މީހާ ހިފަހައްޓައިގެން ގެންގުޅޭ އިރު ފޯނު ގެންގުޅުން މަނަލެވެ. ރައްޓެހިންނާ ބައްދަލު ކުރުން ވެސް އެ އާއިލާއިން މަނާކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.